މައްކާ (ޖޫން 23) - މައްކާގެ މާތްވެގެންވާ ހަރަމްފުޅު ބަލަހައްޓަވައި އަދި ގެފުޅުގެ ތަޅުދަނޑިކޮޅާ މި ވަގުތު ހަވާލުވެވަޑައިގެން ހުންނެވި ވެރިޔާ ޑރ. ޝެއިޚް ސޯލިހު ބިން ޒައިން އަލް އާބިދީން އަލް ޝައިބީ އިއްޔެ އަވަހާރަވެއްޖެ އެވެ.

ޑރ. ޝައިބީ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. ޝައިބީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ ހަރަމްފުޅުގަ އެވެ. ފަސްދާނުވެޑުވީ މައްކާގެ އަލް މުއްލާ ސަހަރާގަ އެވެ.

ހިޖުރައިން އަށް ވަނަ އަހަރު ކީރިތި ރަސޫލާ މައްކާ ފަތަހަކުރެއްވުމަށް ފަހު، މިވީ ހުރިހާ ދުވަހު ގެފުޅުގެ ތަޅުގަނޑިކޮޅު އޮންނަނީ ވަކި އާއިލާއަކާ ހަވާލުކޮށްފަ އެވެ. ޝެއިޚް ޝައިބީ އަކީ ގެފުޅުގެ ތަޅުދަނޑިކޮޅު ކީރިތީ ރަސޫލާ ހަވާލު ކުރެއްވި އުސްމާން ބިން ތަލްހާގެ އާއިލާގެ 77 ވަނަ އަށް ތަޅުދަނޑިކޮޅާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ އެވެ.

މުސްލިމުން މައްކާ ފަތަހަ ކުރެއްވުމަށް ފަހު ގެފުޅަށް ވަޑައިގެންނެވި އިރު، ގެފުޅު ހުރީ ތަޅުލައިފަ އެވެ. ގެފުޅު ތަޅުލުމަށް ފަހު އުސްމާން ބިން ތަލްހާ އޮންނެވީ ތަޅުދަނޑިކޮޅާ އެކު ގެފުޅުގެ ފުރާޅުކޮޅަށް އަރުއްވައި ފިއްލަވައިފަ އެވެ. އޭރު އެކަލޭގެ ފަހު އިސްލާމެއް ނުވެ އެވެ. އަލީގެފާނު ވަޑައިގެން ގެފުޅުގެ ތަޅުގަނޑިކޮޅު އަބީ ތަލްހާގެ އަތުން އަތުލައްވައި ގެފުޅު ހުޅުއްވި އެވެ.

ނަމަވެސް މާތް ﷲ ގެ ވަހީއާއިންގެން ޖިބްރީލްގެފާނު ވަޑައިގެން، ގެފުޅުގެ ތަޅުގަނޑިކޮޅު އުސްމާން ބިން ތަލްހާގެ އާއިލާއާ ހަވާލު ކުރުމަށް ކީރިތި ރަސޫލާ އަށް އެންގެވި އެވެ. އަދި ދުނިޔެ ގިޔާމަތްވުމާ ހަމައަށް ގެފުޅުގެ ތަޅުތަނޑިކޮޅު އޮންނާނީ އެ އާއިލާގެ ހަވާލުގައި ކަމަށް ރަސޫލާ ހަދީސް ކުރެއްވި އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ގެފުޅުގެ ތަޅުގަނޑިކޮޅު ވާރުތަމުން އަންނަނީ އަބީ ތަލްހާގެ އާއިލާގެ ބޭފުޅުންނަށެވެ. އުސްމާން ބިން ތަލްހާ ފަހުން ވަނީ އިސްލާމްވެފަ އެވެ.

ގެފުޅު ސާފު ކުރުމާއި އުރަކޮޅު ބަދަލު ކުރުމާއި ގެފުޅަށް ޒިޔާރަތްކުރާ މެހުމާނުންނަށް މަރުހަބާ ދަންނަވަނީ އޭރަކު ގެފުޅުގެ ތަޅުގަނޑިކޮޅާ ހަވާލުވެވަޑައިގެން ހުންވާ ބޭފުޅެކެވެ. ކޮންމެ އަހަރެއްގެ ވެސް ޝައުބާން މަހުގެ ފުރަތަމަ ދުވަހާއި މުހައްރަމް މަހުގެ 15 ވަނަ ދުވަހު ގެފުޅުގެ އެތެރެ ދޮންނާނެ އެވެ. ގެފުޅު ދޮވުމަށް ބޭނުންކުރަނީ ޒަމްޒަމް ފެނާއި ފިނިފެންމަލުގެ ފެނެވެ.

ގެފުޅުގެ ތަޅުދަނޑިކޮޅާ ޝައިބީ ހަވާލުވެވަޑައިގެންނެވީ 2013 ވަނަ އަހަރު އެވެ. އެފަހަރު ޝައިބީ އަށް ގެފުޅުގެ ތަޅުދަނޑިކޮޅު ލިބިވަޑައިގަތީ ބޮޑުބޭބޭފުޅު އަބްދުލްގާދިރު ތާހާ އަލް ޝައިބީ އަވަހާރަވުމުންނެވެ. ޝައިބީ އަވަހާރަވުމުން ގެފުޅުގެ ތަޅުދަނޑިކޮޅު ވާރުތަވާނީ އެ އާއިލާގެ އެހެން ބޭފުޅަކަށެވެ.

އަލް ޝައިބީ އަކީ ޔުނިވާސިޓީ ޕްރޮފެސަރެކެވެ. އެމަނިކުފާން ވަނީ އިސްލާމިކް ސްޓަޑީޒް އިން ޕީއެޗްޑީ ހާސިލްކުރައްވައި، ވަރަށް ގިނަ ދީނީ ފޮތްތައް ލިޔުއްވައިފަ އެވެ.