ރައީސް މުހައްމަދު މުއިއްޒަށް ވެރިކަން ހޯއްދަވައިދެއްވުމަށް މާކުރީން ރޭއްވެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެންމެފަހުން އެއްބަސްވެވަޑައިގެންފި އެވެ.

ޕީއެންސީގެ ހަރުގެ ހުޅުވަން ރޭ ބޭއްވި ޖަލްސާގައި އަބްދުއް ރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޔާމީނަށް ފުރުސަތު ލިބިވަޑައިނުގަންނަވާ ހިސާބުން އެހެން ބޭފުޅަކަށް ފުރުސަތު ނުދެއްވާނެކަން އޭރު ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"މާކުރީން މުއިއްޒަށް ބައިއަތު ހިފައިގެން މުއިއްޒަށް ޓިކެޓް ދިނީއޭ. މާކުރީން ރޭވީމޭ. ކީއްވެގެން ރޭވީ. އަޅުގަނޑަށް ރައީސް ޔާމީން އެނގޭތީ ރޭވީ. އަޅުގަނޑަށް އެނގޭ އެމަނިކުފާނަށް ކުރިމަތި ނުލެވެންޏާ އަޅުގަނޑުމެން ޕާޓީން ވެރިކަމަށް ކުރިމަތިލާން ފުރުސަތު ނުދެއްވާނެ ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕާޓީ މަގުމަތިވިޔަ ނުދޭން ވިސްނާވަޑައިގަންނަވަމުން ގެންދެވީ 30 އަހަރުގެ (ސިޔާސީ) ތަޖުރިބާއާ އެކީގަ އެވެ. އެއީ ރައްޔިތުން ބިކަވިޔަނުދޭން އަދި ގައުމުގެ މިނިވަންކަން ގެއްލުނަ ނުދޭން ކުރެއްވި މަސައްކަތެއް ކަމަށް ވެސް އަބްދުއްރަހީމް ސިފަކުރެއްވި އެވެ.

"އެހެންވެގެން ރާވަމުން ގެންދިޔައީ، އަޅުގަނޑުގެ ހިތުގައި އޮތް ޔަގީންކަމާ އެކީގައި ޕީޕީއެމް/ޕީއެންސީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެޔޭ، އަޅުގަނޑަށް އެނގޭ ޕްލޭން އޭ ހަދާފައި ބީ ހަދާފައި ސީ ހަދާފައި އުޅުނު އިރު ވެސް އެމަނިކުފާނުގެ [ޔާމީނުގެ] އެއްބަސްވުމުގައި، އެމަނިކުފާނުގެ ރުހުމުގައި އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދަޅުވީ މުއިއްޒަށް ވެރިކަން ހޯދާދިނީ ރައީސް ޔާމީންގެ ގޮތް ވަރަށް ރަނގަޅަށް އެނގޭތީ ކަމަށެވެ. އެގޮތުން ތިމާވަރުގެ މީހެއް ނެތިގެން އުޅޭ މަވެތިކަމަކަށް މިއަދަކު ރައްޔިތުންގެ ތާއީދެއް ނެތްކަމަށާއި ސިޔާސީ ކަންކަން ކާމިޔާބުކުރެވޭނީ ހީވާގި، ތެދުވެރި މީހުންނަށް ކަމަށް އަބްދުއްރަހީމްް ވިދާޅުވި އެވެ. އަދި ބައިކިލޯ ހަމަނުވާ މީހުން ގޮވައިގެން ފާޑު ނުކިޔުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.

މި ޖަލްސާގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. ރައީސް ޔާމީންގެ ވެރިކަން ގެއްލުނީ ވައްކަމާއި ކޮރަޕްޝަންގެ ސަބަބުން ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްވެ ހުންނަވާ ހިންގެވި "ސަދަގާތް ފައުންޑޭޝަން" އިން ހިންގި ކޮރަޕްޝަންތަކުގެ ވާހަކަ އެ ޖަލްސާގައި އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ..

"ދިވެހި ސަރުކާރަށް ލިބޭ ހައްޖު ކޯޓާއިން ސަތޭކަ ފަންސާސް، ދުއިސައްތަ ކޯޓާ ނަގައިގެން ކުރި ކަންތައް ކީއްވެތޯ މިއަދު ނުކުރަނީ؟ ކޮބައިތޯ މިއަދު ސޮދަގާތު ފައުންޑޭޝަން؟ ކޮންތާކުތޯ ވީ؟ ކީއްވެތޯ ހިތާނީ މޫސުން ނުގެންނަނީ؟" އަބްދުއްރަހީމް ސުވާލުކުރެއްވި އެވެ.