ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ދެއްވަމުން ގެންދެވި ރާއްޖޭގެ ޒުވާން ޑޮކްޓަރު، މ. ލައިޓް ސިގްނަލް، އަނާން ޝަފީއު ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައި ސްރީލަންކާ ގަ އެވެ. އޭނާ ވަޅުލާފައި ވަނީ މިއަދުގެ މަޣުރިބު ނަމާދަށް ފަހު މާލިގަވައްތަ މުސްލިމް ސަހަރާގަ އެވެ.

އަނާން، 28، މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ، އައިޖީއެމްއެޗުގައި ހިންގާ އޮންކޮލޮޖިސްޓް ސެންޓަރުގަ އެވެ. އޭނާ އަވަހާރަވީ ކިހިނެއްކަން އަދި ސާފެއް ނުވެ އެވެ.

ޑރ. އަނާންގެ ކުއްލި ވަކިވުން، ރާއްޖޭގެ ފުރަތަމަ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ. މުހައްމަދު ޝިފާން ސިފަ ކުރެއްވީ ފޫނުބެއްދޭނެވަރުގެ ހުސްކަމެއްގެ ގޮތުގަ އެވެ.

"އެއީ ހަމައެކަނި މޮޅު ޑޮކްޓަރެއް ނޫން. އޭނާއާ ބައްދަލުވި ކޮންމެ ބަލި މީހަކަށް ވެސް އުއްމީދެއް ގެނެސްދޭ، ބައްދަލުވި ކޮންމެ މީހަކަށް ވެސް ރަހުމު ކުރެއްވި މީހެއް،" ޑރ. ޝިފާން ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވަމުން ގެންދެވި ޑޮކްޓަރު އައިމިނަތު ރަމްޝާ ވެސް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ނިޔާވެފަ އެވެ. އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ތައިލެންޑް ގަ އެވެ.