ޗައިނާއަކީ މިވަގުތު ދުނިޔޭގައި އެންމެ އާބާދީ ބޮޑު ގައުމު ނަމަވެސް މިފަހަކަށް އައިސް އެގައުމުގައި އަލަށް އުފަންވާ ކުދިންގެ އަދަދު މަދުވުމާއެކު އެގައުމުގެ އާބާދީއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

މިކަމަށް ހައްލެއް ހޯދުމަށްޓަކައި މިހާރު ޗައިނާގެ ބައެއް ތައުލީމީ އިދާރާތަކުން މިވަނީ މުޅިން ތަފާތު އުކުޅެއް ގެންގުޅެން ފަށާފަ އެވެ. އެގޮތުން އެގައުމުގެ ބައެއް ކޮލެޖުތަކުން ވަނީ "ލޯބި ހޯދުމަށްޓަކައި" އެ ކޮލެޖުތަކުގެ ދަރިވަރުންނަށް އެއް ހަފްތާގެ ޗުއްޓީ ދޭން ފަށައިފަ އެވެ.

މި ޗުއްޓީގެ މަގްސަދަކީ ދަރިވަރުން ލޯބިވެރިޔަކު ހޯދައި ހަޔާތުގެ ބައިވެރިއަކު ކަނޑައެޅުމަށް ފުރުސަތު ދިނުން ކަަމަށް އެ ކޮލެޖުތަކުން ބުނެ އެވެ.

އެ ޗުއްޓީގައި ކިޔެވުމުގެ އެއްވެސް ނޯންނައިރު، ދަރިވަރުންނަށް އޮންނަނީ ކޮލެޖުގެ ކެމްޕަސް ތެރެއިން ނުކުމެ މީހުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ކޮލެޖުތަކަކީ އޭވިއޭޝަން ދާއިރާއަށް ހާއްސަ އެ ރޮނގުން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުން އުޅޭ ކޮލެޖުތަކެކެވެ.

ޗައިނާގެ ކައިވެނީގެ ރޭޓާއި ދަރިން އުފަންވާ ރޭޓު ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިވާއިރު އެކަމުގެ ސަބަބުން އެގައުމުގެ އިގްތިސާދު އަޑިއަޅާލަފާނެ ކަމުގެ އިންޒާރު މާހިރުން އަންނަނީ ދެމުންނެވެ.