މިވެރިކަން ގެންނަން ހެދި ކޯލިޝަންގެ އެއްބަސްވުމަކީ ގާނޫނީ އެއްބަސްވުމެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލީހުގެ ވުޒާރާތައް، ޕާޓީތަކަށް ވަކި އިންސައްތައެއް ކަނޑައަޅުއްވައިގެން ސްލޮޓްތަކެއް ހަމަޖައްސައިގެން ގެންދާކަމަށް ބުނެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައާ ގުޅިގެން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވީ ކޯލިޝަން އެއްބަސްވުމަކީ ސިޔާސީ ދެ ޕާޓީއެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމަށާއި، އެއީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ދައުރެއް އޮންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށާއި، ކޯލިޝަން އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްތޯ ނުވަތަ ނޫންކަން ދައުލަތުގެ ބަންޑާރަ ނާއިބު ނުނިންމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ސިޔާސީ ޕާޓީއެއްގެ މެދުގައި ވެވޭ އެއްބަސްވުމަކަށް ކިހިނެއްތޯ ދައުލަތުގެ ބަންޑާރަ ނާއިބަށް އެއްޗެއް ދެންނެވޭނީ. އެއީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ދައުރެއް އޮންނާނެ ކަމެއް ނޫނޭ. ކޯޓްގައި އެ މައްސަލަ ޗެލެންޖުކުރަން މީހަކު ހުށައަޅައިފިނަމަ އެ ފުރުސަތު އެބައޮތް ހަމަ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ. "އެކަމު އަޅުގަނޑަކަށް ނުދެންނެވޭނެ އެއީ ގާނޫނީ ގޮތުން ސައްހަ އެއްބަސްވުމެކޭ، ސައްހަ ނޫން އެއްބަސްވުމެކޭ. އެކަން ނިންމަވާނީ މައްސަލަ ބައްލަވާ ފަނޑިޔާރުން. ގާނޫނު އަސާސީގައި އޮންނާނީ ދައުލަތަށް ލަފާދެއްވާ ބޭފުޅެއްގެ ގޮތުގަ ބަންޑާރަ ނާއިބު."

ރިފްއަތު ވިދާޅުވީ، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ނުފުއްދި ލަސްވެގެން އަދި އުޅެން ނުޖެހޭ ކަމަށެވެ. އަދި، ރައީސްގެ ވައުދަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުުއްދުމަށް ވެވަޑައިގެންފައިވާ ވައުދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ކޯލިޝަން އެއްބަސްވުމަށް ގާނޫނީ ބާރު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރައްވަނީ ކޮންއިރަކު ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ސަރުކާރުގައި ހިމެނޭ ކޯލިޝަންގެ ޕާޓީތަކަށް ދޭންޖެހޭ ޙިއްސާ ދަމަހައްޓަވާނެ ކަމަށާއި، މި ސަރުކާރު ދެމިއޮންނާނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައިވެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއް އޮތްތޯ ބަލަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެތައް ފަހަރަކު ހުށަހެޅުއްވި އެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ ރިޔާސަތުންނެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ރިފްއަތާ ސުވާލުކުރަން އެޖެންޑާކުރީ މިދިޔަ ބުދަ ދުވަހު އެކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކުރުމުންނެވެ.