ފުވައްމުލައް ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކޮށްފި އެވެ.

ފުވައްމުލަކަކީ މަސްތުވާތަކެތިން ރައްކާތެރިވެފައިވާ ތަނަކަށް ހެދުމަށް "ވެށި ރައްކަލް" ނަމުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގެ ދަށުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި، ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް ބަލައި އެކި ތަންތަން ފާސްކޮށްފައިވާނެ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މިހާތަނަށް އައިއިރު، މި އޮޕަރޭޝަންގައި 14 މީހަކު ހައްޔަރު ކުރި އެވެ.

އެކަމަކު، މިވަގުތު ބަންދުގައި ތިބީ ފަސް މީހުން ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި 760.45 ގްރާމުގެ މަސްތުވާތަކެތި ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އޮޕަރޭޝަނެއް ފަށައި ބަޔަކު ހައްޔަރު ކުރަން ފެށުމުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޮޑު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި އެވެ.