ކޮލަމްބޯ (ޖޫން 30) - ކަނޑުމަތިން ފެނުނު ފުޅިތަކެއްގައި ހުރި އެއްޗެއް ބޮއިގެން ސްރީ ލަންކާގެ ހަތަރު މަސްވެރިއަކު މަރުވެ އިތުރު ދެ މީހެއްގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

މަސްވެރިންނަށް އެ ފުޅިތައް ފެނުނީ އެ މީހުން މަހަށް ނުކުމެ އުޅެނިކޮށް، ލަންކާގެ ދެކުނުގެ އައްސޭރިން ފެށިގެން 320 މޭލު ދުރު ހިސާބަކުންނެވެ.

ލަންކާގެ ނޭވީން ބުނީ މަސްވެރިން، އެ ފުޅިތަކުގައި ހުރި އެއްޗެެއް ބުއީ އެއީ ބަނގުރާ ކަމަށް ހީކޮށް ކަމަށެވެ.

ލަންކާގެ ފިޝަރީޒް އެންޑް އަކުއާޓިކް ރިސޯސަސް ޑިޕާޓްމަންޓުގެ ޑިރެކްޓަ ޖެނެރަލް ސުސާންތާ ކަހަވައްޓެ ވިދާޅުވީ މަސްވެރިން އެއްގަމަށް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަސްވެރި އުޅަނދުތަކުގައި ތިބި މީހުންނަށް ސިއްހީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަހަވައްޓެ ވިދާޅުވީ މަސްވެރިންތައް ވަނީ އޭގެ އެހެން ފުޅިތަކެއް އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އެހެން އުޅަނދުތަކުގައި އުޅުނު ބަޔަކަށް ވެސް ބަހާފައި ކަމަށެވެ. އަދި އެ މީހުން ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުޅިތަކުގައި ހުރި އެއްޗެއް ބުއި މަސްވެރިން ތިބި އުޅަނދު މަހަށް ނުކުމެފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ.

އެ އުޅަނދުތަކުގައި ސަލާމަތުން ތިބި މީހުން ވެސް އަވަހަށް އެއްގަމަށް ގެނައުމަށް އެދި، ވެރިރަށް ކޮލަމްބޯ އިން ފެށިގެން 120 މޭލު ދުރުގައި އޮންނަ އައްސޭރި ޓައުނެއްގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ފުޅިތަކުގައި ހުރި އެއްޗެއް ބެލުމަށް ތަހުގީގު ކުރަމުންނެވެ.