މިއުނިކް (30 ޖޫން) – ޔޫރޯގެ ގަދަ 16ގެ މެޗުގައި މިރޭ ސްލޮވާކިއާ އަތުން ފަހަތުން އަރައި 2-1 އިން އެކްސްޓްރާ ޓައިމްގައި މޮޅުވެ، އިންގްލެންޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މެޗުން އިންގްލެންޑް މޮޅުވި ނަމަވެސް، މިއި އެ ޓީމަށް އުނދަގޫ މެޗެކެވެ. މެޗުގެ 25 ވަނަ މިނިޓުގައި ސްލޮވާކިއާގެ އައިވަން ޝްނާޒް ކާމިޔާބުކުރި ލަނޑާއެކު، މެޗުގެ އިތުރު ވަގުތާ ހަމައަށް އެ ޓީމު ހޯދީ ކުރީގަ އެވެ.

މެޗުގެ އިތުރު ވަގުތުގައި އިންގްލެންޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ބެލިންހަމް އޯވަހެޑަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މިއީ މެޗުގެ 90 މިނިޓުގެ ތެރޭގައި ސްލޮވާކިއާގެ ގޯލަށް އިންގްލެންޑަށް އަމާޒުކޮށްލެވުނު ފުރަތަމަ ހަމަލާއެވެ. މި ލަނޑުގެ ކުރިން އިންގްލެންޑް އިން ލަނޑު ޖަހަން ގިނަ މަސައްކަތްތަކެއްކުރި ނަމަވެސް، ސްލޮވާކިއާ އޯގަނައިޒް ޑިފެންސް ރޫޅާލެވޭ ގޮތެއްނުވި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ކުޅުނު އެކްސްޓްރާ ޓައިމްގައި އިންގްލެންޑް އިން ކުރި ހޯދީ ކެޕްޓަން ހެރީ ކޭން ޖެހި ލަނޑުންނެވެ. އެކްސްޓްރާ ޓައިމްގެ ފުރަތަމަ މިނިޓުގައި ކޭން ގޯލަށް ބޯޅަ އަމާޒުކޮށްލީ ބޮލުންނެވެ. މިއީ މި މުބާރާތުގައި ކޭން ޖެހި ދެވަނަ ގޯލެވެ.

މި މެޗުން އިންގްލެންޑް މޮޅުވި ނަމަވެސް، އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓަށް އަމާޒުވަމުންދާ ފާޑުކިއުންތައް މަދުވާނެ ކަމަށް ނުބެލެވެ އެވެ. މުޅި މެޗުގައިވެސް ސްލޮވާކިއާ ޑިފެންސް ފޫއަޅުވާލުމަށް އިންގްލެންޑަށް ދަތިތައް ކުރިމަތިވި އެވެ. ބެލިންގްހަމްގެ އިންޑިވިޑުއަލް ހުނަރުން ޖެހި ލަނޑަކުން އިންގްލެންޑް ސަލާމަތްވިޔަސް، ޓީމުގެ ކުޅުމާމެދު މި މެޗަށްފަހުވެސް ފާޑުކިއުންތައް އަމާޒުވާނެ ކަމަށް ބެލެވެ އެވެ.

ކުއާޓާ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ ސްވިޓްޒަލޭންޑެވެ.