ފޭސް ސްލިޕްތަކެއް ފޮނުވައިގެން ފިހާރައަކުން 172،000 ރ. ގެ ރުފިޔާގެ މުދާ ހޯދި މީހަކު ދޮޅު އަހަރެއްހާ ދުވަހަށް ޖަލަށްލައި, މުދަލަށްވާ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސ. ހިތަދޫ، ދާގަނޑުކެކުރިގޭ ޝަފީއު ޝިހާބް ގެ މައްޗަށް އެ ހުކުމް އައީ 2022 އިން ފެށިގެން އޮކްޓޫބަރު، 2022 އާ ހަމައަށް އެކި ފަހަރުމަތިން ޅ. ހިންނަވަރުގައި ހުންނަ ފިހާރައަކުން 172،000 ރުފިޔާގެ މުދާ ނެގުމަށްފަހު ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ބުނެ ފޭކް ސްލިޕްތަކެއް ފޮނުވުމުންނެވެ.

އޭނާގެ މައްޗަށް ކުރީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ އޭނާ ކުށަށް އިއުތިރާފްވެފައިވާތީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 11 މަހާއި 12 ދުވަހަށް އަދި ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާގައި ހަ މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.

މީގެ އިތުރުން އެ މައްސަލާގައި ހިމެނޭ 172،000ރ. ދެއްކުމުގެ ގޮތުން މިއަދުން ފެށިގެން ކޮންމެ މަހަކު 34,400ރ. އަށްވުރެ މަދު ނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުން ގޮސް މި އަހަރުގެ ޑިސެމްބަރުގެ ކުރިން ދައްކައި، ނިންމަން ހުކުމުގައި އަންގާފައިވެ އެވެ.