މަސްވެރިންނަށް ނުދެވި ހުރި ފައިސާ މިއަދު ދޫކުރަން ފަށައިފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަން ޖެހޭ 53 މިލިއަން ރުފިޔާ ޖަމާކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

މިފްކޯއިން މަސްވެރިންނަށް ފައިސާ ދޭން ފެށުމާއެކު އައްޑޫ ސިޓީގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ މިހާރު ވަނީ ހުއްޓާލާފަ އެވެ.

މިފްކޯއިން ވަނީ އެ ކުންފުންޏަށް މަސް ގަންނަ އަކު ކޮންމެ ހަފްތާއަކު ރިވިއުކުރަން ނިންމާފަ އެވެ.

މިއަދުން ފެށިގެން 1.5 ކިލޯއިން މަތީގެ އައިސް އެޅި ކަނޑުމަހާއި ކަންނެލި މަސް ގަންނަނީ 16 ރުފިޔާއަށެވެ. އަދި 1.5 ކިލޯއިން މަތީގެ އައިސް ނާޅާ ކަނޑުމަހާއި ކަންނެލި މަސް ގަންނާނީ 14 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ އައިސް އެޅި ކަނޑުމަހާއި ކަންނެލި މަސް ގަންނަނީ ހަތް ރުފިޔާ އަށެވެ. އަދި 1.5 ކިލޯއިން ދަށުގެ އައިސް ނާޅާ ކަނޑުމަހާއި ކަންނެލި މަސް ގަންނަނީ ހަތް ރުފިޔާ އަށް ކަމަށް ވެސް މިފްކޯއިން ބުންޏެވެ.