މި މަހު ވެސް ކަރަންޓު ބިލް އާދަޔާހިލާފަށް ބޮޑުވުމުން ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފި އެވެ.
ފަހަކަށް އައިސް ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާތައް ރައްޔިތުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ ރޯދަ މަހަށް ބިލްތަކުން ޑިސްކައުންޓް ދިން ނަމަވެސް ޑިސްކައުންޓާއެކު އައި ބިލް ވެސް އެކަށީގެންވާ ވަރަށް ވުރެ ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާކުރި އެވެ.
"މިފަހަރު ބިލް ވެސް ރޯދަމަހުގެ ބިލާ އެއްވަރު. ދުވަހަކު ވެސް މިއިން ބިލެއް ބޮޑުވުމަށްފަހު ތިރިވާ ދުވަހެއް ނާދޭ،" ފޭސްބުކްގައި މީހަކު ޝަކުވާކުރަމުން ބުނެފައިވެ އެވެ.
އެހެން މީހަކު ބުނެފައި ވަނީ ކަރަންޓު ބޭނުންކުރާ ސާމާނު އިތުރުނުވެ، ބޭނުންކުރާ ވަގުތު އިތުރު ނުވި ނަމަވެސް ކަރަންޓު ބިލް އެހާ ބޮޑުވުމަކީ ޖޯކެއް ކަމަށެވެ.
"މިފަހަރު ޗުއްޓީއަށް ދިޔައީ ހުރިހާ އެއްޗެއް ނިއްވާލާފައި. އެކަމަކު މިފަހަރުގެ ބިލު ވެސް ކުރީ މަހުގެ ބިލާ އެއްވެސް ތަފާތެއް ނެތް،" އެހެން މީހަކު ބުންޏެވެ.
ބައެއް މީހުން ބުނަނީ ކަރަންޓު ބިލް މިއަހަރު ފެށުނުއިރު ހުރި ވަރަށް ވުރެ މިހާރު އެތައް ގުނައެއް މަތި ކަމަށެވެ. ނަމަވެސް އެހާ ބިލު ބޮޑުވާންވީ ސަބަބެއް އެއް ގޮތަކަށް ވެސް ނުވިސްނޭ ކަމަށް ބުނެފައިވެ އެވެ.
މިފަހަރު ލިބުނު ބައެއް ކަރަންޓު ބިލްތައް ވެސް ކުރީގެ މަސްތަކަށް ވުރެ އިތުރަށް ބޮޑު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ބައެއް މީހުން ވަނީ ލިބިފައިވާ ކަރަންޓް ބިލްގެ ކޮޕީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
މީގެ ކުރިން ކަރަންޓް ބިލް ބޮޑުވެގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށުމުން ސްޓެލްކޯ އިން ވަނީ އެފަދަ މީހުން އެކަމާ ގުޅޭ ޝަކުވާ އެ ކުންފުންޏަށް ހުށަހެޅުމަށް އެދިފަ އެވެ.
ގިނަ ބަޔަކު ބުނަމުން އަންނަނީ ފެނަކަ އާއި ސްޓެކްލޯއިން ދޭ ކަރަންޓް ބިލްތައް ބޮޑުކުރަނީ ގަސްތުގައި ކަމަށެވެ. ސަބަބަކީ މަޖިލިސް އިންތިހާބާ ދިމާކޮށް މާލީގޮތުން ދެކޮޅު ނުޖެހޭ ވަރަށް ވަޒީފާ ދީފައިވާ މީހުންނަށް މުސާރަ ދޭނެ ފައިސާ ހޯދަން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.
މި ތުހުމަތުތަކާ ގުޅޭގޮތުން ސްޓެލްކޯ އިން ބުނަނީ ކަރަންޓް ބިލް ކުޑަކުރާނެ އިރުޝާދުތައް އެ ކުންފުނިން ދެމުން އަންނަ ކަމަށާއި އެކަންކަމަށް އަމަލުކުރުން މުހިންމު ކަމަށެވެ.