ބޮލީވުޑްގެ މަގުބޫލު ތަރި ޝާހްރުކް ޚާންއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ވެސް ބަލައިގަނެފައިވާ ކުޅަދާނަ އެކްޓަރެކެވެ. އެކަން އެނގިގެންދަނީ ބައިނަލްއަގުވާމީ އެވޯޑުތަކުގައި ވެސް އޭނާއަށް ޝަރަފުތައް ދޭތީ އެވެ.

އެގޮތުން އަނެއްކާ ވެސް ބައިނަލްއަގުވާމީ އެވޯޑަކުން މިވަނީ ޝާހްރުކް ޚާންއަށް ހާއްސަށް ޝަރަފެއް ދޭން ނިންމާފަ އެވެ. މިފަހަރު އޭނާއަށް ލިބެނީ ސްވިޓްޒަލޭންޑްގެ ލޮކާނޯ ފިލްމު ފެސްޓިވަލްގެ ޝަރަފެކެވެ.

މިއަހަރުގެ އޮގަސްޓް މަހު ބާއްވަން ހަމަޖެހިފައިވާ ލޮކާނޯ ފިލްމު ފެސްޓިވަލްގައި ޝާހްރުކް ޚާންއަށް އަރުވަން ހަމަޖެހިފައި ވަނީ ލޮކާނޯ ކެރިއަރު އެވޯޑެވެ.

އެ އެވޯޑު އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ ޝާހްރުކް ޚާންއަށް އެ އެވޯޑު ދޭން ނިންމާފައި ވަނީ މުނިފޫހި ފިލުވުމުގެ ދާއިރާއަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމަށް ކަމަށެވެ.

އޭގެ އިތުރުން ޝާހްރުކް ޚާންއަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ވެސް މަގުބޫލު އެކްޓަރެއް ކަން އެ ފަރާތްތްކުން ފާހަގަ ކުރެ އެވެ.

77 ވަނަ ލޮކާނޯ ފިލްމު ފެސްޓިވަލް ކުރިއަށްދާނީ އޮގަސްޓް މަހުގެ 7 ން 17 އަށް ސްވިޓްޒަލޭންޑްގަ އެވެ. 1946 ވަނަ އަހަރު ދޭން ފެށި އެ އެވޯޑު މިހާތަނަށް ގިނަ ބައިނަލްއަގްވާމީ ތަރިންނަށް ލިބިފައިވެ އެވެ.