ކޮފީ ޝޮޕެއް ހިންގަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ބުނެފައިވަނީ ޖޮއިންޓް ޓާސްކް ފޯސްއިން ހިނގި ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި އެ މީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް އެކެއްގައި ޓޭކް އަވޭ ކޮޕީ ޝޮޕެއް ހިންގަމުން ދާތީ އެވެ.
ރޭގެ އޮޕަރޭޝަނުގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އަށް ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވެ އެވެ.
ބިދޭސީން ރާއްޖޭގައި ތަފާތު ވިޔަފާރިތައް ކުރަމުން އަންނައިރު އޭގެތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އުޅޭ މައްސަލަ ހައްލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް ކަމާގުޅޭ އިދާރާތަކުން އަންނަނީ އަޅަމުންނެވެ. އެގޮތުން ނިމިދިޔަ ހަފުތާގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅައިފަ އެވެ.