ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ހުކުރު ދުވަހުގެ ރޭ ވާހަކަދައްކަވަމުން ރުކުމާ ވިދާޅުވީ އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ ހިދުމަތް ފެށުމަށް ކުންފުނިން ނިންމީ ވެމްކޯއަކީ ސަރުކާރަށް ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ގޮތުން ކަމަށެވެ. އަދި މި މަސައްކަތް ކުރެވިގެން ދާނީ މިހާރު ވެސް ވެމްކޯއިން ދޭ ގޭބިސީތަކުގެ ކުނި އުކުމުގެ ހިދުމަތާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ މި ހިދުމަތް ފުރަތަމަ ފެށުމަށް މަޝްވަރާ ކުރެވެމުންދަނީ ސަރުކާރުގެ އޮފީސްތައް ފޮޅާ ސާފުކުރުމުން ކަމަށެވެ. ވެމްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާތީ ސަރުކާރު އިމާރާތްތައް ފޮޅާ ސާފު ކުރާނެ ފަރާތެއް ހޯދުމަށް ބިޑިން ޕްރޮސެސްއާއި ނުލައި ސަރުކާރުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ހިދުމަތް ރަސްމީކޮށް ލޯންޗުކުރުން ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން، ފޮޅާ ސާފުކުރުމުގެ ހިދުމަތްދޭ މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމުތައް ވެސް އަޅުގަނޑުމެން މިހާރު ވާނީ ފަށާފައި،" ރުކުމާ ވިދާޅުވި އެވެ.