އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ އެޑްވައިޒަރަކަށް، އިގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ޗެއާމަން އަދި ސީއީއޯ ޑރ. ކައްޔާލީ މުހައްމަދު އައްޔަންކޮށްފިއެވެ. އެމެރިކާގެ ހާވަޑް ޔުނިވާސިޓީއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޑރ. ކައްޔާލީ އަކީ ޗާޓަޑް ސައިންޓިސްޓެކެވެ. އަދި އޭނާއަކީ އދ. އާއި ޔޫރަޕްގެ އިއްތިހާދުން އިންތިޒާމްކުރާ ކޮންފަރެންސް ތަކުގައި ތަޤުރީރު ކުރައްވާ ސްޕޭސް އިންޑަސްޓްރީގައި މަޤުބޫލު ބޭފުޅެކެވެ.

ޑރ. ކައްޔާލީގެ ލީޑަޝިޕްގެ ދަށުން އުފެއްދި ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވަރަށް ގިނަ ޤައުމުތަކާއި ޔުނިވާސިޓީތަކުގައި ސްޕޭސް ޕްރޮގްރާމް ހިންގުމަށް އެހީތެރިވެދީފައިވެއެވެ. މި އެހީތެރިކަން ފޯރުކޮށްދެނީ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ

މެމްބަރުން މެދުވެރި ކޮށެވެ. އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި މިޝަން ކާމިޔާބުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ ދަރިވަރުން ތަމްރީނު ކުރުމުގައި ކޭއެސްއެފް ސްޕޭސް އިން މުހިއްމު ދައުރެއް އަދާކުރާނެ އެވެ.

"މިޝަން ޕްލޭންކޮށް ފައިނަލް ކުރުމުގައި ޑރ. ކައްޔާލީ އާއި ކޭއެސްއެފް ޓީމުން ކުރީ ވަރަށް ފުރިހަމަ މަސައްކަތެއް. މި ތާރީހީ މިޝަން ކާމިޔާބު ކަމާއެކު ނިންމާލެވެންދެން އެބޭފުޅުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ" ރިފްއަތު ވިދާޅުވިއެވެ. ރިފްއަތު ވިދާޅުވިގޮތުގައި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މިޝަން ޑައިރެކްޓަރު އައްޔަންކުރެވޭނެއެވެ.