ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިން" ގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން ފޯރުކޮށްދީފި އެވެ.

މި ފައިނޭންސިން ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ފެސިލިޓީއެކެވެ. އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވުނު މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކޮށްފައިވެ އެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި އިސްނެގުމަށް ޒުވާނުންގެ ފަރާތުން މިފަދަ ބޮޑު ތަރުހީބެއް ލިބުނުކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުން އެމީހުންގެ އުފެއްދުންތެރި ހިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގައާއި، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކޮށް ދިގުމުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއްވެސްމެ."

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ޒުވާން ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު. 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިންގ މެދުވެރިކޮށް 3،000 އަށް ވުރެ ގިނަ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އަޅައިދެވުނު މުހިއްމު ބިންގަލެއް. އަޅުގަނޑުމެން އުއްމީދުކުރަނީ މި ފިޔަވަހީގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ދެން އޮތް ފިޔަވަހީގެ ތެރެއިން އިތުރު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް."

މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މި އިސްނެގުމުގެ އަމާޒަކީ މާލީ އެހީ ލިބޭ ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން، އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބިޒްނަސް ސެންޓަ ކޯޕަރޭޝަންއާ ގުޅިގެން، ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިން ލިބުނު ފަރާތްތަކަށް މެންޓާޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރި ފޯމަލައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާ ފަންޑެއްގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމްގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމަށް 1 ނޮވެންބަރު ވަނަ ދުވަހު ހުޅުވައިލެވޭނެ އެވެ. މިއީ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމަށާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ޕްރޮގްރާމެކެވެ.

ބޭންކް އޮފް މޯލްޑިވްސްއާއިއެސްއެމްއީ ޑިޖިޓަލް ގުޅިގެން މަސައްކަތް ކުރަމުންދަނީ ދިވެހި ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން އަދި ލުއި ގޮތެއްގައި ލިބޭނެ މަގު ފަހިކޮށްދީ، ޒުވާނުންނަށް އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް އުފައްދައިދިނުމަށެވެ.