ހަތް އަހަރު ވަންދެން އެކުގައި އުޅުމަށްފަހު ސޮނާކްޝީ ސިންހާ އާއި އޭނާގެ ލޯބިވެރިޔާ ޒަހީރު އިގްބާލް ކައިވެނި ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. އެ ކައިވެންޏަކީ އެކި ގޮތްގޮތުން ފާހަގަވެގެން ދިޔަ ކައިވެންޏެކެވެ.

ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދާދި ފަހުން ސޮނާކްޝީ ވަނީ އޭނާގެ ކައިވެނީގެ އެންމެ ހާއްސަ އެއް އުސްއަލި މީޑިއާއާ ހިއްސާކޮށްފަ އެވެ.

އެގޮތުން ސޮނާކްޝީ ވަނީ އެ ދުވަސް އިތުރަށް ހާއްސަ ވެގެން ދިޔައީ އެކްޓަރު ޝާހްރުކް ޚާން އެ ދެމަފިރިންނަށް ފޮނުވި ވޮއިސް މެސެޖަކުން ކަމަށް ހާމަކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ސޮނާކްޝީ ހިއްސާކުރި ފޮޓޯއެއްގައި އޭނާއާއި ޒަހީރު ފޯނަށް ބަލަހައްޓައިގެން ހުންނައިރު އެއާއެކު ސޮނާކްޝީ ބުނެފައި ވަނީ ޒަހީރަށް އެންމެ ކަމުދާ އެކްޓަރުގެ މެސެޖެއް އަޑުއަހަނީ ކަމަށެވެ.

ޝާހްރުކް ޚާންގެ އެ މެސެޖުގައި ސޮނާކްޝީގެ ޒަވާޖީ ހަޔާތަށް މަރުހަބާ ކިޔާފައިވާ ކަމަށާއި އެ ދެމީހުންނަށް ހެޔޮ އެދުންތައް ފޮނުވާފައިވާ ކަމަށް ވެސް ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީގެ ކައިވެނި ހަފްލާއިން ޝާހްރުކް ޚާން ފެނިފައިނުވި ނަމަވެސް ބޮލީވުޑްގެ ގިނަ އެހެން ފަންނާނުންތަކެއް ފެނިފައިވެ އެވެ.