ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެއާ ސާވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާ އެކު މިއަދު ނިންމާލައިފި އެވެ.

މިމަހު 9 އިން 11 އަށް ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، އަދި ސައި ލެގޫންގައި ކުރިއަށް ގެންދިޔަ މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރާ ބައިނަލްއަގްވާމީ ހަރަކާތެކެވެ. މިއިވެންޓް ރާއްޖޭގައި ބާއްވާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ ގުޅިގެންނެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަފާތު ވިޔަފާރިތަކުގެ މެދުގައި، ނެޓްވޯކިންއާއި ވިޔަފާރި ކުރިއެރުވުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންތަކާއި ނިންމުމުގެ ހަފްލާ ބާއްވާފައިވަނީ ކުރުބާ މޯލްޑިވްސްގަ އެވެ. އަދި ކްރޮސް ރޯޑްސްގެ ސައި ލެގޫންގައި ވަނީ ނެޓްވޯކިން އިވެންޓްތައް ބާއްވާފަ އެވެ.

މި ހަރަކާތްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން، ރާއްޖޭގެ ވައިގެ ހިދުމަތް ދެމުންގެންދާ ކުންފުނިތަކުންނާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެފަރާތްތަކުން ރާއްޖޭގެ ވައިގެ ސިނާއަތް ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީފަ އެވެ.

ކޮންގްރެސްގެ ބައިވެރިންނަށް ރާއްޖޭގެ ވައިގެ ސިނާއަތް ކުރިއަށްދާ ގޮތުގެ މައުލޫމާތާއި އެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް މި ހަރަކާތްތަކުގެ ތެރެއިން ވަނީ ދެވިގެން ގޮސްފަ އެވެ. މިއާއެކު މި ކޮންގްރެސްގެ ސަބަބުން މިދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ވަނީ ފަހިވެގެން ގޮސްފައެވެ. އަދި ވިޔާފާރީގެ ގުޅުންތައް އުފެދި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތުތައް ވަނީ ބައިވެރިންނަށް ލިބިގެން ގޮސްފަ އެވެ.

ކޮންގްރެސް މިއަދު ނިންމާލާފައިވާއިރު، އެއާ ސާވިސް ވޯލްޑް ކޮންގްރެސް، އަންނަ އަހަރު ބާއްވާނީ ހާޓްސްފީލްޑް- ޖެކްސަން އެޓްލާންޓާ އިންޓަރނޭޝަނަލް އެއަރޕޯޓް، ކަމަށް ކަނޑައަޅާއި އެކަން ވަނީ އިއުލާންކޮށްފަ އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ.