ދައުލަތަށް އާމްދަނީ ވަންނާނެ މަޝްރޫއުތައް މުޒާހަރާކޮށްގެން ހުއްޓުވާ ނަމަ، އެކަން ކުރި މީހުންނާ މެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެ އެވެ.
ވ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމަށް ކާނި ހޮޓެލްސް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކަށް ދިން މައްސަލައިގައި ވ. އަތޮޅު ކައުންސިލުން އިސް ނަގައިގެން މިއަދު ވަނީ ވ. ކޮޅުދިއްފުށި ފަޅުގައި މުޒާހަރާކޮށްފަ އެވެ.
ބޮޑުފިނޮޅަކީ އއ، އދ، އަދި ކ. އަތޮޅުގެ ގެސްޓް ހައުސްތަކާއި ބައެއް ރިސޯޓްތަކާއި ސަފާރީތަކުން ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް މިހާރު ބޭނުން ކުރާ ތަނެއް ކަމަށްވާތީ އެ ތަން ރިސޯޓަކަށް ހަދަން ދީފި ނަމަ، އެކަމުގެ ގެއްލުން ލިބޭނެ ކަމަށް ކައުންސިލުން އަންނަނީ ބުނަމުންނެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝުޖާއު ވިދާޅުވީ މީގެކުރިން އެމްޑީޕީން މުޒާހަރާކޮށްގެން އަންނަން ހުރި މަޝްރޫއުތައް ހުއްޓުވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރި ކަމަށެވެ. އެ މާޒީ ތަޖުރިބާ ކުރި ކަމުގައި ވިޔަސް، ކުރިއަށް އޮތް ތަނުގައި މުޒާހަރާކޮށްގެން މަޝްރޫއުތައް ނުހުއްޓޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާތީ، އެ ރަށުގައި ތިބި ބަޔަކު ލައްވައި "ކުޅި" ހިމާޔަތް ކުރުމުގެ ނަމުގައި މުޒާހަރާއެއް ކުރި އިރު، ސިނަމާލެ ބްރިޖު މަޝްރޫއު ފެށީމަ، ރާޅާ އަޅަން އުޅޭ ޒުވާނުން ލައްވައި މުޒާހަރާއެއް ކުރި ކަމަށެވެ.
ވ. އަތޮޅުގެ ބޮޑު ޓޫރިޒަމްގެ މަޝްރޫއެއް ފަށަން އުޅޭތީ އެކަމާ ދެކޮޅު ހަދަނީ އެމްޑީޕީ ބަޔަކު ކަމަށާއި އެކަން ހުއްޓާލެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި ދައުލަތަށް ލިބޭ ފައިދާ އަށް ހުރަސް އަޅާ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމުގެ އިންޒާރު ވެސް ޝުޖާއު ދެއްވި އެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން ވަނީ ތިކަން ހުއްޓާލާށޭ. މި ސަރުކާރަށް، ދައުލަތަށް އާމްދަނީ ލިބޭ، ދައުލަތުގެ މާލިއްޔާ އަށ ލިބޭ ފައިދާ ހުރަސް އަޅާ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު މި ސަރުކާރުން އަޅާނަމޭ." ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގައި ވެސް ހިމެނިވަޑައިގަންނަވާ އެންމެ އިސް އެއް މެމްބަރު ޝުޖާއު ވިދާޅުވިއެވެ.
"މިކަމަށް ހިތްވަރުދޭ މީހުން ވެސް، އެއީ ވެރިކަންކޮށްފައި ހުރި މީހެއްތޯ ނޫންތޯ ނުބަލާ ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ދޭން ޖެހޭ ހައްގު އަދަބު ދޭން މި ސަރުކާރުން ފަސް ނުޖެހޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން."
ބޮޑުފިނޮޅުގައި ރިސޯޓު ހަދަން ހަވާލުކުރީ ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) ގެ ރައީސް އަބްދުﷲ ނަޝީދުގެ ކުންފުނި ކާނި ހޮޓެލްސްއަށެވެ. ކާނި ހޮޓަލަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނިން ނިންމާފައި އޮތީ އެ ފަޅުގައި ހަތަރު ތަރީގެ 200 ކޮޓަރި ހިމެނޭ ރިސޯޓެއް ހުޅުވުމަށެވެ. އެ ތަނުގެ އަމަލީ މަސައްކަތް އޮކްޓޯބަރު މަހުގެ ތެރޭގައި ފެށޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.