ރޭގަނޑު 8:00 އިން ފަތިހު 6:00 އަށް ފުވައްމުލަކުގައި ބޭރަށް ނުކުތުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްކޮށް އެޗްޕީއޭ އިން އެޅި ފިޔަވަޅުތައް ހަތް ދުވަހަށް އިތުރުކޮށްފި އެވެ.

އެރަށުން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއިގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައިވާ ގޮތުން، 13 ފެބްރުއަރީން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ފުވައްމުލަކުގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭގެ މިއެންގުމުގައި ޖުމްލަ 10 ކަމެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ވަކި ވަގުތުތަކެއްގައި ބޭރަށްނުކުތުން މަނާކޮށް، އަދި އެވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުންވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން އެ ރަށުގައި ޕާޓީތަކާ ހަފްލާތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ ސިއްހީ ފަރުވާހޯދުން ފަދަ ޒަރޫރީ ބޭނުމަކާނުލައި ފުވައްމުލަކުގައި އެއްތަނުން އަނެއްތަނަށް ގޮސް އުޅުން ވެސް މަނާކޮށްފަ އެވެ. އަދި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުމާއި، އެއް އަވަށުން އަނެއް އަވަށް ދިއުން ހުއްޓާލުމަށާއި އަދި ގޭގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް އެ އިއުލާނުގައި ވަނީ އަންގާފަ އެވެ.

މީގެ އިތުރުން އެ އިއުލާނުގައި ވަނީ އެ ރަށުގެ ކޮލްޖެތަކާއި ސްކޫލްތަކުގެ ދަރިވަރުން ހާޒިރުވެގެން ކުރިއަށްގެންދާ ކުލާސްތައް ހުއްޓާލުމަށް އަންގާފަ އެވެ. އަދި ސެލޫންތަކާއި، ބޯކޮށާ ތަންތަނާއި އަދި ޖިމްތައް ބަންދުކުރަން އަންގާފައިވާއިރު އެންމެހައި ކުޅިވަރާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށް ވެސް އެ އިއުލާނުގައި ވަނީ އަންގާފަ އެވެ.

އެ ރަށުގެ ހޮޓާތަކާއި، ކެފޭ، އަދި ރެސްޓޯރެންޓުގެ ހިދުމަތް ދިނުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލެވިފަ އެވެ. ނަމަވެސް، ޑެލިވަރީގެ ހިދުމަތްދިނުމުގެ ހުއްދަ އެބައޮތެވެ. އޭގެ އިތުރުން ފިހާރަތަކާއި ބޭންކުތައްފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިނދުމަތްދޭއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ގައިދުރުމިން ބަހައްޓައި، އެތަނަކަށް ވަދެވޭ މީހުންގެ އަދަދު ކަނޑައަޅައި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް ކަށަވަރުކޮށްގެން ހިދުމަތްދިނުމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ޓެކްސީތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ ފަރާތަތަކުން ވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރުމަށް މިއިއުލާނުގައި ބުނެފައިވެ އެވެ.