ބޮލީވުޑްގެ ކުރީގެ އެކްޓަރު ސަންޖީވް ކުމާރަކީ 1970ގެ އަހަރުތަކުގައި ހިންދީ ފިލްމުތަކުން ނަން ވިދާލި މަޝްހޫރު ފަންނާނެކެވެ. އޭނާގެ ވިދުމަށް ނިމުމެއް އައީ އުމުރުން އެންމެ 46 އަހަރުގައި މަރުވުމުންނެވެ.

ސަންޖީވްގެ ކުރު ފިލްމީ ހަޔާތުގައި ފާހަގަ ކުރެވުނު އެއް ކަމަކީ ފިލްމުތަކުގައި އޭނާ ކުޅޭ އުމުރުން ދުވަސްވީ ރޯލުތަކެވެ. އޭރުގެ ތަރިން އެމީހުންގެ އަސްލު އުމުރަށްވުރެ ދޮށީ ރޯލުތައް ކުޅެން ފަސްޖެހޭއިރު ސަންޖީވް ވަނީ އެއްވެސް ފަސްޖެހުމެއް ނެތި އެފަދަ ރޯލުތައް ކުޅެފަ އެވެ.

އެގޮތުން މަޝްހޫރު ފިލްމު "ޝޯލޭ"ގައި ތާކޫރުގެ ރޯލުން އޭނާ ފެނުނުއިރު ފިލްމު "ތުރިޝުލް"ގައި އަމީތާބް ބައްޗަންއާއި ސަޝީ ކަޕޫރުގެ ބައްޕަގެ ރޯލުން ވެސް އޭނާ ފެނިގެންދިޔަ އެވެ.

ސަންޖީވްއާއެކު ގިނަ ފިލްމުތަަކަކުން ފެނުނު އެކްޓްރެސްއެއް ކަމަށްވާ ތަބައްސުމް ބުނީ ސަންޖީވްއަށް އުމުރުން ދުވަސްވީ ރޯލުތައް ވަރަށް ކަމުދާ ކަމަށެވެ.

ހަގު ރޯލުތަކަށްވުރެ ދޮށީ އުމުރުގެ ރޯލުތަކަށް އިސްކަންދެނީ ކީއްވެގެންތޯ ސުވާލު ކުރުމުން ސަންޖީވް ދިނީ ވަރަށް އާދަޔާހިލާފު ޖަވާބެއް ކަމަށް ތަބައްސުމް ބުންޏެވެ.

ސަންޖީވްއާ ހަވާލާ ދެމުން ތަބައްސުމް ބުނީ ހަގީގީ ދިރިއުޅުމުގައި އުމުރުން ދުވަސްވުމުގެ ތަޖުރިބާ ކުރަން ސަންޖީވް ދުނިޔޭގައި ނުހުންނާނެ ވާހަކަ ފާލު ބަލާ މީހަކު އޭނާގެ ގާތުގައި ބުނި ކަމަށެވެ.

އެހެން ކަމުން ފިލްމުތަކުގައި އުމުރުން ދުވަސްވީ މީހުންގެ ރޯލުތައް ކުޅެނީ އެ ތަޖުރިބާ ހޯދަން ކަމަށް ސަންޖީވް ތަބައްސުމްގެ ގާތުގައި ބުންޏެވެ.

1985 ވަނަ އަހަރު އުމުރުން 47 އަހަރުގައި ސަންޖީވް މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާގެ އާއިލާގެ މެމްބަރުންތަކެއް ވެސް ވަނީ ވަރަށް ގާތް ގާތުގައި މަރުވެފަ އެވެ.