ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން 2024 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ފައިސާ ހިމަނާފައިނުވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓުގައި ގިނަ މަޝްރޫއުތައް ހިމަނާފައި ހުރި ނަމަވެސް މި އަހަރަށް ބޭނުންވާ ފައިސާ ހިމަނާފައި ނުވާ ކަމަށެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރީއަށް ހުރި ޕްރޮޖެކްޓަތަކަށް އެކަނިވެސް ނުވަ ބިލިޔަން ރުފިޔާ ބޭނުންވާ ކަމަށް މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް މިނިސްޓްރީއަށް ލިބިފަހުރީ ފަސް ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ބަޖެޓެއް ކަމަށާއި ސޮއިކޮށްފައި ހުރި ޕްރޮޖެޓްތައް އެކަނި ކުރިއަށް ގެންދާ ނަމަވެސް މަދުވެގެން ހަތް ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ރަށްރަށުގައި ކުރިއަށް ދާ ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން މެންބަރުން ގެންދެވީ ސުވާލު ކުރައްވަމުންނެވެ. ފެނަކަ އާ ހަވާލުކުރެވިފައިވާ ގިނަ މަޝްރޫއުތައް ލަސްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.