އާދައިގެ ދިރިއުޅުމެއް އުޅުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވުމުގެ ކުރިން ވެރިން ނަމޫނާ ދައްކަވާނަމަ ރައްޔިތުން ހިތްހަމަޖެހިގެން ގަބޫލުކުރާނެކަމަށް ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވަމުން އަނީސާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ރޭގެ ޖަގަހަ ޖަލްސާގައި ވިދާޅުވެފައިވާ ރައްޔިތުން އާދައިގެ ދިރިއުޅުމަކަށް ތިރިވާން ޖެހޭކަމަށް ވިދާޅުވި ހަބަރު ޝެއާ ކުރައްވާފަ އެވެ.

އަނީސާ ވިދާޅުވީ ތަންކޮޅެއް އާދައިގެ ދިރިއުޅުމެއް އުޅުމަށް ރައްޔިތުންނަށް ނަސޭހެތްތެރިވެވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ތިޔަބޭފުޅުން ތިރިވެވަޑައިގެން ނަމޫނާ ދައްކަވައިފިނަމަ ރައްޔިތުން ހިތްހަމަޖެހިގެން އެކަން ގަބޫލުކުރާނެ ކަމަށެވެ.

މިދުވަސްވަރު ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެ ގަރުދިޔާ ބަތާ ކައިގެން އުޅުމަށް ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަދި ރައީސް މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ އަލީ އާރިފް ވަނީ ވިދާޅުވެފަ އެވެ.