ކީރިތި ގުރުއާން ހިތުދަސް ހާފިޒުންނަށް ދެމުން އަންނަ އިނާޔަތް ދެ ގުނަ ބޮޑު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ގައުމީ ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށް، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދީނީ ކަންކަން ކުރިއަރުވައި ގުރުއާނުގެ އިލްމު ފެތުރުމަށް ކަމަށެވެ.
އަދި އެއް ކަމަކަށް ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުޑައިރު ގުރުއާން ހިތުދަސް މީހުން އަތުގެ އިނގިލިން ގުނާލެވޭހާ މަދެވެ. އެކަމަކު، މިހާރު އެ އަދަދު އެތައް ގުނައަކުން އިތުރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން. އެކަމަށްޓަކައި ވަސީލަތްތައް އިތުރުވެގެން ދާނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރެވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކީރިތި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް އަދި އެކަމަށް ހިތްވަރުދީ މަގު ކޮށައި ދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
" އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތް. އެއީ ދުނިޔޭގައި ވެސް ހެޔޮކަން އަދި އާހިރަތުގައި ވެސް ހެޔޮކަން ލިބޭ ހަމަ އެކަނި މަގު،". ރައީސް ވިދާޅުވި އެވެ.