ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި އިންޑިއާގެ ޑޮކްޓަރުންގެ ހެކިބަސް ނެގުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާތީ އެޓާނީ ޖެނެރަލްގެ ލަފައަކަށް ފޮރިން މިނިސްޓްރީން އެދިފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރުވި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ކުރާއިރު އައިޖީއެމްއެޗްގެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ދައުލަތުން ބުނާގޮތުން މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ރާވައިގެން މޭރީ މަރާލީ އެވެ.

ރާއްޖޭން ބޭރުގައި ތިބޭ މީހުންގެ ހެކިބަސް ނަގަމުން އަންނަ އުސޫލަކީ އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީއަކަށް އެމީހަކު ހާޒިރުކޮށް، އޮންލައިންކޮށް ގުޅާލައިގެންނެެވެ. މިހާރު އޮންނަ އުސޫލަކީ އެމްބަސީ އަށް ހާޒިރު ކުރުމުގެ ކުރިން އެ ގައުމެއްގެ ސަރުކާރުގެ ހުއްދަ ހޯދަން ޖެހުމެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި މިހާރު އިންޑިއާގައި ތިބި އެ ދެ ޑޮކްޓަރުން ހެކިބަސް ދޭން ތައްޔާރަށް ތިބި ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓްރީން އެމީހުން އެމްބަސީއަށް ހާޒިރުކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސައިދީފައެއް ނުވެ އެވެ.

ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުނީ އެމްބަސީތަކަށް މީހުން ހާޒިރުކުރަން ގާނޫނީ ހުރަސްތަކެއް ހުރުމުން އެކަމުގައި އަމަލު ކުރާނެ ގޮތެއް ހޯދުމަށް ފޮރިން މިނިސްޓްރީން އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، ހުރަސްތަކަކީ ކޮބައިކަމެއް ހިއްސާކޮށްފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި، މޭރީ އާއި އޭނާގެ ފިރިމީހާ މާވިންއާ އެކު އެއް ގެއެއްގައި އުޅުނު ފިލިޕީންސް މީހެއްގެ ހެކިބަސް ނަގާފައިވެ އެވެ.

އޭނާ ބުނީ މޭރީ މަރުވި ދުވަހު ހެނދުނު އޭނާ ގެއިން ނުކުމެގެން ދަނިކޮށް ފެނުނު ކަމަށާއި އެ ދުވަހު އޭނާ ގެއިން ދިޔައީ މޭރީގެ ބޭބެ އަންނާތީ ފިލިޕީންސް ކެއުމެއް ތައްޔާރު ކޮށްފައި ކަމަށް ހެކިވެރިޔާ ބުންޏެވެ. އޭގެ ފަހުން އެ ދުވަހު ހަވީރު އޭނާއަށް އިވުނީ މޭރީ މަރުވެފައިވާ ކަމުގެ ހަބަރު ކަމަށް ބުންޏެވެ.

މި މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ މި މަސް ތެރޭ ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ވިދާޅުވެފަ އެވެ.