ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ އިންޑެކްސް މިދިޔަ ހަފްތާގައި އިއުލާން ކުރިއިރު ޖެހިޖެހިގެން ހަވަނަ ފަހަރަށް ޑެންމާކް ވަނީ ހޯދާފަ އެވެ. އެގައުމަށް ދެވަނަ ލިބިފައިވަނީ ހަތްވަނަ ފަހަރަށް އެއްވަނަ ދިފާއުކުރި ފިންލެންޑުގެ ފަހަތުންނެވެ.
ހަވަނަ ފަހަރަށް އެއް ލަގަބެއް ހޯދާއިރު ޑެންމާކާއި އެގައުމުގެ ރައްޔިތުންގެ ކިބައިގައި ހާއްސަ ސިފަތަކެއް ހުންނާނެކަން ޔަގީނެވެ. އެ ގައުމާއި ދުނިޔޭގެ އެހެން ގައުމުތަކާ ތަފާތުވާ ސިފަތަކަށްވާނެ އެވެ.
ޑެންމާކުގެ ލިޔުންތެރިން ވަނީ އެމީހުންގެ ފޮތްތަކުގައި މިކަމަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލާފަ އެވެ. އެގޮތުން އެގައުމުގެ ރައްޔިތުންގެ އުފާވެރިކަން ބިނާވެފައި އޮންނަނީ ލިބޭ މިންވަރަށް ޝުކުރު ކުރުމަށް ކަމުގައި އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
އެގޮތުން ޑެންމާކުގެ ރައްޔިތުން އުފާވެރިކަން ވަޒަން ކުރަނީ އެ މީހުންނަށް ނުލިބޭ އެއްޗެހީގެ ބަދަލުގައި ލިބިފައިވާ އެއްޗެއްސަށް ވިސްނައިގެންނެވެ.
މިސާލަކަށް ވޯލްޑް ހެޕިނެސް އިންޑެކްސްގައި ދެވަނަ ލިބުމުން އެކަމާ ހިތާމަ ކުރުމުގެ ބަދަލުގައި ޑެންމާކުގެ ރައްޔިތުން ވިސްނަނީ މީގެ 60 އަހަރު ކުރިން އެގައުމަށް ވެސް އެ ޝަރަފު ލިބުނު ކަމަށެވެ.
އެއާއެކު ނޫސްތަކުން ވެސް ބޮޑަށް އަލިއަޅުވާލަނީ ދެވަނަ ލިބުމުގެ ބަދަލުގައި ކުރީގެ އަހަރަށްވުރެ ކުރިއަރާފައިވާ ކަމުގެ މައްޗަށެވެ. ފިންލޭންޑާއެކު އޮތް ފަރަގު ކުޑަ ކުރެވުނު ކަމުގެ މައްޗަށެވެ.
ހަޔާތުގައި އަނެކާގެ ރިޒްގާއި ތިބާގެ ރިޒްގު އަޅާކިޔުމަކީ އުފާވެރިކަމަށް އެޅޭ ހުރަހެއްކަން މިކަމުން އެނގިގެންދެ އެވެ. އޭގެ ބަދަލުގައި ތިމާއަށް ލިބިފައިވާ ނިއުމަތްތަކާއި ރިޒްގަށް ޝުކުރުވެރިވެ އޭގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ކުރަން ވިސްނަންވީ އެވެ.
ޑެންމާކުގެ ރައްޔިތުންގެ ދިރިއުޅުމުގައިވާ އުފާވެރިކަމުގެ ސިއްރަކީ އެއީ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަގަންވީ ސިފައަކީ އެއީ އެވެ.