ބޮލީވުޑް އާއި އިންޓަނެޓުގައި ވެސް މަގުބޫލު ޖޯޑެއް ކަމަށްވާ ރިޗާ ޗައްދާ އާއި އަލީ ފަޒާލް އެ ދެ މީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔައިފި އެވެ.

ރިޗާ އާއި ފަޒާލް ސޯޝަލް މީޑިއާއަށް ދޫކޮށްލި ނޯޓެއްގައި ބުނެފައި ވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހު އެމީހުންނަށް އަންހެން ކުއްޖަކު ލިބިފައިވާ ކަމަށެވެ.

"މިވަގުތަކީ އަހަރުމެންގެ އާއިލާތަކަށް ވަރަށް އުފާވެރި ވަގުތެއް. އެންމެންގެ ފަރާތުން ލިބެމުން އަންނަ ހެޔޮ އެދުންތަކާއި ދުއާތަކަށް ޝުކުރުވެރިވަން،" އެ ނޯޓުގައި ބުނެފައިވެ އެވެ.

ރިޗާ އޭނާގެ މާބަނޑު ދުވަސްވަރުގެ ތަޖުރިބާ ވަރަށް ގިނައިން ސޯޝަލް މީޑިއާގައި އާއްމު ކޮށްފައިވާއިރު މާބަނޑު އަންހެނުންނަށް ބޭނުންވާ އެކި ކަންކަން ވެސް އޭނާ ހިއްސާކުރި އެވެ.

އޭގެ އިތުރުން ވެސް ރިޗާ ވަނީ މިފަހުން ކުރިއަށް ދިޔަ އޭނާގެ މެޓާނިޓީ ފޮޓޯޝޫޓުގެ ބައެއް ފޮޓޯތައް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.

އެ ފޮޓޯތަކާއެކު އޭނާ ވަނީ ފަޒާލްގެ ފަރާތުން އޭނާއަށް ލިބެމުން އަންނަ ލޯތްބާއި އޯގާތެރިކަން ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ރިޗާއާއި ފަޒާލް މިހާރު އަންނަނީ އޯޓީޓީ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުންނެވެ. ރިޗާގެ އެންމެ ފަހުގެ މަސައްކަތް، ހީރާމަންޑީއަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.