އިންޑިއާގެ މަޝްހޫރު އެކްޓްރެސް ނަތާޝާ ސްޓޭންކޮވިކް އާއި ކްރިކެޓް ކުޅުންތެރިޔާ ހާރްދިކް ޕަންޑްޔާގެ ކައިވެނި ރޫޅި ދެ މީހުން ވަރިވާން އުޅޭކަމަށް މީޑިއާގައި އަޑު ފެތުރޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އެ ހަބަރުތަކަށް ބީރު ކަންފަތެއް ދީގެން ތިބުމަށްފަހު އެންމެ ފަހުން އެ ދެމީހުން މިވަނީ ވަރިވިކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ދެމީހުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކިވާން ނިންމި ނިންމުމަކީ ދެ މީހުންވެސް އެއްބަސްވެގެން އެއީ އެންމެ ރަނގަޅު ގޮތަށްވާތީ ނިންމި ނިންމުމެއް ކަމަށެވެ.

https://www.instagram.com/p/C9kcd9ItcKT/?igsh=cmh2d2lucTU0dnBu

"ހަތަރު އަހަރަށްފަހު ހާރްދިކްއާއި އަހަރެން ވަކިވާން ނިންމައިފިން. ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރަން އަހަރުމެން ވަރަށް މަސައްކަތް ކުރިން، އެކަމަކު މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެން" ނަތާޝާގެ ޕޯސްޓުގައިވެ އެވެ.

މި ބަޔާން އާއްމުވެފައިވަނީ ނަތާޝާ އެ ދެމީހުންގެ ދަރިފުޅު އަގަސްތުޔާއާއެކު މުމްބާއީ ދޫކޮށް ފުރިތާ މާ ގިނައިރެއް ނުވަނީސްކަން ފާހަގަ ކޮށްލެވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަގަސްތުޔާއަކީ އެ ދެމީހުންނަށް ލިބުނު އެންމެ އަގުހުރި ހަދިޔާ ކަމަށާއި އަގަސްތުޔާގެ ސަބަބުން އެ ދެމީހުންގެ މެދުގައި އަބަދުވެސް ގުޅުމެއް އޮންނާނެ ކަމަށެވެ.

މި އުނދަގޫ ދަނޑިވަޅުގައި އާއްމުންގެ އެއްބާރުލުމަށް އެދެމުން އެ ދެމީހުން ވެސް ވަނީ އިންސްޓަގްރާމްގައި އެމީހުންގެ ކޮމެންޓް ސެކްޝަން އޮފް ކޮށްފަ އެވެ.

މި ބަޔާނާއެކު ގިނަ ބަޔަކު އަންނަނީ ކައިވެނި ރޫޅުނީ ނަތާޝާގެ ސަބަބުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.