ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ ވަނީ ދާދިފަހުން އޭނާގެ ދުވަސްވީ ލޯބިވެރިޔާ ޒަހީރު އިގުބާލްއާ ކައިވެނި ކޮށްފަ އެވެ. އެ ދެމީހުންގެ ކައިވެންޏާއެކު ގިނަ މީހުން ފާހަގަ ކުރަން ފެށީ އެ ދެމީހުން ނިސްބަތްވާ ދެ ދީނެވެ.

ސޮނާކްޝީއަކީ ހިންދޫ ދީނަށް އުޅޭ އަންހެނަކަށް ވާއިރު ޒަހީރު އަކީ މުސްލިމަކަށް ވުމުން އެދެމީހުންގެ ކައިވެންޏާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސޮނާކްޝީ އާއި ޒަހީރު ބުނީ އެ މީހުންގެ ދީނަކީ އެމީހުންގެ ގުޅުމަށް އަސަރުކުރާ ކަމެއް ނޫން ކަމަށާއި އެކަކު އަނެކަކުގެ ދީނަށް ފުރިހަމައަށް އިހްތިރާމްކުރާ ކަަމަށެވެ.

"އަހަރެމެން ދެ މީހުންނަކީ އިންސާނިއްޔަތު ކަމުގައި އެކަކު އަނެކަކާ ތަފާތު ބައެއް ނޫން. އަހަރުމެންގެ ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ވެސް ހުރޭ،" ސޮނާކްޝީ ބުންޏެވެ.

ޒަހީރު ބުނީ އެ ދެމަފިރިންގެ ދެމެދުގައި ކިތަންމެ ގިނަ ދެބަސްވުމަކާއި އަރާރުންވުމެއް އުފެދުނު ނަމަވެސް އޭގެ ސަބަބަކަށް އެއްވެސް މީހެއްގެ ދީން ނުވާނެ ކަމަށެވެ.

ހަތް އަހަރު ދުވަސް ވަންދެން ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުުޅުމަށްފަހު ސޮނާކްޝީއާއި ޒަހީރު ކައިވެނިކުރީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ކޯޓު ކައިވެންޏެއްގަ އެވެ.