ބީއެމްއެލް އިން ކަސްޓަމަރެއްގެ އެކައުންޓް ބްލޮކްކޮށްފި އެވެ.
އެކައުންޓް ބްލޮކްކުރި ކަސްޓަމަރު ވަނީ އޭނާގެ ކަންބޮޑުވުންތައް ފޭސްބުކުގައި ހިއްސާކޮށްފަ އެވެ. އެ ކަސްޓަމަރު ބުނީ ނުހައްގުން އޭނާގެ އެކައުންޓް ބްލޮކްކުރިތާ ތިން ހަފްތާ ވެއްޖެ ކަމަށެވެ.
އޭނާ ބުނީ އެ އެކައުންޓުން އެއްވެސް ބޮޑު އަދަދެއްގެ ފައިސާގެ ޓްރާންސްސެކްޝަނެއް ހަދާފައިނުވާ ކަމަށެވެ. އަދި ސްކޭމްތަކާ ގުޅޭ އެއްވެސް ފައިސާއެއް އޭނާގެ އެކައުންޓަށް ޖަމާވެފައިނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"މާލޭގައި ދިރިއުޅެނީ އައިލާއެއްގޮވައިގެން ކަމާއި އަދި އެކައުންޓް ގައި ރޯލްވެފައި ވަނީ އައިލާމީހުން ގޭގެ ކަންކަން ހަމަޖެއްސުމާއި އަދި އޮންލައިން ކޮށް އެކިސާމާނު ގަނެ ވިއްކައިގެން ލިބޭ ރުފިޔާކަމާއި އަދި މީގެ ތަފްސީލް ވެސް ބީއެމްއެލްއަށް ވަނީ ދެވިފައި. ބީއެމްއެލް އިން މެއިލް އެއް ފޮނުވާ އިރަށް ވާނީ ރިޕްލައި ދެވިފައި. އޭގެ ފަހުން ވެސް ދެ ހަފްތާ ވެގެން ދާއިރުވެސް އެކައުންޓް ތައް ބުލޮކް ކޮއްގެން ކުރަމުންދާ މަސައްކަތުގެ އެއްވެސް އަޕްޑޭޓް އެއް ދެވިފައި ނުވޭ،" އޭނާ ކިޔައިދިނެވެ.
އެކައުންޓް ބްލޮކްކުރުމުގެ ސަބަބުން އޭނާއަށް އާމްދަނީ ލިބެމުން އައި ދޮރުތައް ބަންދުވިޔަސް ބީއެމްއެލް އިން ނަގާފައިވާ ލޯނަށް އިންޓްރެސްޓް އަރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ތަކުރާރުކޮށް ބީއެމްއެލްއަށް ގޮސް ޝަކުވާ ކުރަން ފެށުމުން އޭނާއަށް ފުރައްސާރަ ކުރަމުން އަންނަ ކަމަށެވެ.
"އަމީނީ މަގު ކަސްޓަމާސާވިސް އަށް ގޮސް ކޮންމެ ދުވަހަކު މި ގޮތަށް އާދޭސް ކުރާތީ އެތާގައި ތިބި ސީނިއާ މުވައްޒަފުން ހީހީފައި އަޅުގަނޑަށް ފުރައްސާރަ ކުރާތަން އަޅުގަނޑަށް ފެނިފައި ވަނީ. ޝުކުރިޔާ ދިވެހީންގެ ބޭންކް. އަޅުގަނޑު މިއަދު މި އުޅެނީ ވަރަށް ހާލުގައި،" އޭނާ ކިޔައިދިނެވެ.
އެ ޒުވާނާ އަކީ ފުލުހެކެވެ. އޭނާގެ ބީއެމްއެލް އެކައުންޓާ ގުޅޭ އެއްވެސް މައްސަލައެއް ފުލުހުން ތަހުގީގެއް ވެސް ނުކުރެ އެވެ.
ޢަޅުގަނޑު ވެސް ހަމަ ތިގޮތައް އެކައުންޓް ބުލޮކް ކޮށްފަ އިންނަތާ 3 ހަފްތާ ވީ، އެއްވެސް ހައްލެއް ނުލިބޭ، ދާނެ ތަނެއް ނެއް މައްސަލަ ޖައްސަން.