ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާ ފަދަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭޏުންވާ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅު އެޅުމަށާއި، ދުރާލާ މި ފަދަ ނުރައްކާތައް އަންގައިދީ އެކަމުން ސަލާމަތް ވާނެ މަގު ފަހިކޮށްދޭ ހާއްސަ ޚިދުމަތެއް ދިރާގުން ވަނީ ތައާރަފުކޮށްފަ އެވެ.
ދިރާގު ސިއެމް ނުވަތަ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓްގެ ނަމުގައި ތައާރަފުކުރި މި ނިޒާމުގައި ނެޓްވޯކެއްގެ އެކި ދިމަ ދިމާލުން ވަގުތުން އެ ނެޓްވޯކެއްގެ ސަލާމަތީ ކަންކަމާއި ކޮމްޕްލައިންސް އާ ގުޅުން ހުރި ޑޭޓާ ހޯދާ، ޖަމާކޮށް، އެއް ތަނަކުން ފެނި އަދި މޮނިޓާ ކުރެވޭނެ ސިސްޓަމެކެވެ.
ދިރާގުން ބުނިގޮތުގައި މި ސިސްޓަމްގެ އެހީގައި ޚާއްސަކޮށް އިންޓަނެޓް ފަދަ ވިއުގަތަކާ ގުޅިފައިވާ ނެޓްވޯކްތަކަށް ދިމާވާ ސެކުއިރިޓީ މައްސަލަތައް އަވަހަށް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމާއި އަދި ސެކިއުރިޓީ ގެ ބެސްޓް ޕްރެކްޓިސް ތަކަށް ނެޓްވޯކް ފެއްތުމަށާއި ރިޕޯޓްތައް ތައްޔާރުކުރުމަށް ސައިބާ ސެކުއިރިޓީ ޓީމްތަކަށް ފަސޭހަވެގެން ދާނެ އެވެ.
"ދިރާގު ސިއެމް އިން ލިބިދޭ ފައިދާތަކުގެ ތެރޭގައި ނެޓްވޯކާ ބެހޭ މުހިންމު މައުލޫމާތުތައް ލައިވްކޮށް އެއް ޑޭޝްބޯޑަކުން ބަލާލެވުމާއި ނެޓްވޯކްގެ ތެރޭގައި ވަގުތުން ހިނގަމުންދާ ކަންކަމާއި ކުރިން ހިނގާފައިވާ ކަންކަން ބަލާލެވޭނެ. އެގޮތުން އެ ވަގުތު ނެޓްވޯކް ހުރި ހާލަތާއި ކުރިން ހުރި ހާލަތް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެ އެވެ. މީގެ އިތުރުން ނެޓްވޯކް އާއި ގުޅިފައިވާ ގުނަންތަކުގެ ކޮންފިގަރޭޝަން ތައްޔާރުކުރުމާއި އެ ނެޓްވޯކަށް އަންނަ ބަދަލުތައް އެކަމެއް ހިނގާ ވަގުތުގައި ދެނެގަނެވޭނެ. އަދި ހަމައެއާ އެކު، ދިރާގު ސިއެމް މެދުވެރިކޮށް ނެޓްވޯކްއާ ގުޅިފައި ހުރި އެއްވެސް ޑިވައިސްއެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވެސް މޮނިޓާ ކުރެވޭނެ. މީގެ އިތުރުން، އޮޑިޓް ތަކަށް ބޭނުންވާ ކޮމްޕްލައިންސް ރިޕޯޓްތައް ވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ތައްޔާރު ކުރެވޭނެ،" އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ.