ކުރިއަރަމުން އަންނަ ޓެކްނޮލޮޖޭއާއެކު އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ "އޭއައި" ވެފައިވަނީ ހަޔާތުގެ މުހިއްމު ހިއްސާއަކަށެވެ. ކޮންމެ ކަމެއް ކުރުމުގެ ބާރު އިނގިލިތަކުގެ ކޮޅަށް ނުވަތަ ތިބާގެ އަޑަށް މިހާރު ވަނީ ލިބިފަ އެވެ.
ކަން މިހެން އޮތްއިރު އެކަމުގެ ސަބަބުން ތިބާގެ ސިއްހަތަށް ކުރާނެ އަސަރާމެދު ވިސްނާލުން ރަނގަޅުވާނެ އެވެ. ދިރިއުޅުމުގެ ކަންތައްތައް އެހާ ފަސޭހައިން ކުރެވޭއިރު އެކަމުން ދިރިއުޅުމަށް ކުރާނެ އަސަރާމެދު ފިކުރު ހިންގާލުން މުހިއްމެވެ.
ކުރިންވެސް ދެންނެވި ފަދައިން ދިރިއުޅުމުގެ ކަންކަން އިނގިލިތަކުގެ ކޮޅަށް އައިސްފައިވުމާއެކު ހަރަކާތްތެރިވެ އުޅުން މިވަނީ އިންތިހާއަށް މަދުވެފަ އެވެ.
އިން ތަނުގައި އިނދެގެން ހުރިހާ ކަމެއް ކުރެވޭއިރު ތެދުވެ އުޅެންވީ ކީއްކުރަން ހެއްޔެވެ؟ ފަސޭހަ ކަމާއެކު ކަންކަން ކުރެވެން އޮންނައިރު ބުރަ މަސައްކަތް ކުރަންވީ ކީއްވެ ހެއްޔެވެ؟
ހިތާމައާއެކު ފާހަގަ ކުރަން ޖެހެނީ މިއީ މިއަދު އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ވިސްނުން ހުރި ގޮތް ކަމެވެ. އެހެން ނަމަވެސް މިކަމުގެ އަނެއް ކޮޅަށް ބަލާލާނަމެވެ.
ހަރަކާތްތެރިވެ އުޅުން މަދުވެ ހަށިގަނޑަށް ލިބޭ ކަސްރަތު މަދުވުމަކީ ދިގު މުއްދަތުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ތިބާ ހުށައެޅި އެކަމުގެ ނުރައްކާ ބޮޑުކޮށްދޭ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ދިރިއުޅުމުގައި ހަރަކާތްތެރިވެ އުޅުން މަދު މީހުންނަށް އުމުރުން 40 އަށްވުރެ މައްޗަށް ދިއުމުން ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު 50 ޕަސެންޓް އިތުރުވެ އެވެ.
ދެން އުފެދޭ ސުވާލަކީ އޭއައިގެ މިޒަމާނުގައި ހަރަކާތްތެރި ދިރިއުޅުމެއް ބައްޓަން ކުރާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ. ޓެކްނޮލޮޖީއިން ސިއްހަތަށް ލިބޭ ގެއްލުންތއް ކުޑަ ކުރާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ.
އެންމެ ފުރަތަމަ ކަމަކަށް ބަދަލު ކުރަން ޖެހޭނީ ތިބާގެ ވިސްނުމެވެ. ހަރަކާތްތެރި ދިރިއުޅުމަކަށް ލޯ ހުޅުވައި އެކަން ދިރިއުޅުމަށް ގެންނަން ބޭނުންނުވާނަމަ އެކަމުން ކުރާނެ ވަކި ފައިދާއެއް ނެތެވެ.
އެއަށްފަހު ދިރިއުޅުމުގެ އެކި ކަންކަމުގައި ހަރަކާތްތެރިވެ އުޅެވޭނެ ގޮތްތައް ހޯދާށެވެ. ކުދި ކުދި ކަންކަމުގައި ޓެކްނޮލޮޖީއަށް ބަރޯސާވުން ހުއްޓާލައި ހަރަކާތްތެރިކަން އިސްކުރާށެވެ.
މިސާލަކަށް އޮފީހަށް ހިނގާފައި ދެވިދާނެ އެވެ. ގޭތެރޭގައި ކުރަންޖެހޭ ކަންކަމުގައި "އެލެކްސާ" ނުވަތަ "ގޫގުލް އެސިސްޓަންޓް"ގެ އެހީ ހޯދުމުގެ ބަދަލުގައި އަމިއްލައަށް އެކަން ކުރާށެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި ޓެކްނޮލޮޖީއަަކީ މިއަދު އަހަރުމެންނަށް އެއާނުލާ އުޅެވޭނެ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް ޓެކްނޮލޮޖީ އަހަރުމެންގެ ދިރިއުޅުމުގެ މައްޗަށް އަތްގަދަ ކުރުމުގެ ފުރުސަތު ދިނުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ.