މީސްމީޑިއާގެ މަޝްހޫރު އެޕްލިކޭޝަން ޓިކްޓޮކްގެ ލައިވްއެއްގައި ކުރި ޒުވާބަކާ ގުޅިގެން މާލޭގެ ގެއަކަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި އެވެ.

ފުލުހުން މިއަދު ބުނީ މާފަންނު ގެއަކަށް ވަދެ ބަޔަކު ހަމަނުޖެހުން ހިންގީ ޓިކްޓޮކް ލައިވްއެއްގައި ކުރި ޒުވާބަކާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލާގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހުންގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ޓިކްޓޮކްގައި ދައުރު ވަމުންދާ ވީޑިއޯއެއްގައި އެ ދެމީހުން ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެނެ އެވެ. އަދި ލައިވްއެއްގައި މީހަކަށް މަލާމާތްކޮށް ވާހަކަ ދައްކާ އަޑު ވެސް އެ ވީޑިއޯ އިން އިވެ އެވެ.

ރާއްޖޭގައި ގިނަ ބަޔަކު ޓިކްޓޮކް ބޭނުން ކުރަމުން ދާއިރު، އާންމުކޮށް ލައިވް ތަކުގައި އަބަދުވެސް ޒުވާބުކޮށް މީހުންނަށް ހަނގާކޮށް ފުރައްސާރަ ކުރުންފަދަ ކަންކަން ކުރާ މަދު ބަޔަކު އުޅޭކަން ފާހަގަ ކުރެވެ އެވެ.

މީގެ ކުރިން އެއްފަހަރު ރާއްޖޭގެ ބަޔަކު ޓިކްޓޮކް ލައިވްއެއްގައި ޒުވާބުކޮށް ދެމަފިރިއަކަށް މަގުމަތީގައި ހަމަލާ ދީ ޒުވާބު ކުރާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.