ރާއްޖޭގެ މާކެޓްގައި ތަޣައްޔަރު ވެފައިވާ ބްރޭންޑެއް ކަމަށްވާ "ބްލެކް ހޯސް" މާމުއި ވިއްކަމުންދާތީ ސަމާލުވުމަށް އަންގައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓެއްގައި ބުނެފައިވަނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ވިއްކަމުންދާ މާމުއިގައި ބޭހުގެ މާއްދާއެއް ކަމަށްވާ ތަޑަލަފިލް އަދި ސިލްޑެންފިލް ހިމެނޭކަން އެ އޮތޯރިޓީއަށް ފާހަގަ ކުރެވިފައި ވާކަމަށެވެ.

މިކަން ވަނީ 2022 ސެޕްޓެމްބަރ 12 ވަނަ ދުވަހު ވެސް އެ އޮތޯރިޓީން ސަމާލުކަމަށް ގެނެސްފައި ކަމަށްވެސް އެލާޓްގައި ބުނެފައި ވެ އެވެ. މިފަދަ އުފެއްދުންތަކަކީ ޔޫއެއް އެފްޑީއޭ އިން ވެސް ރައްކާތެރި ނޫން ކަމަށް ފާހަގަ ކޮށްފައިވާ އުފެއްދުންތަކެއްކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ޑޮކްޓަރީބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއް ކަމެއްކަމަށާއި މިފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އުފެއްދުންރައް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއްކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.