އަންނަ އޮކްޓޯބަރު މަހުން ފެށިގެން އެއާ އަރަބިއްޔާ އިން ރާއްޖެ އަށް ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ އެވެ.
މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ފުރަތަމަ އަދި އެންމެ އަގު ހެޔޮ އެއާލައިން އޮޕަރޭޓުކުރާ އެއާއަރަބިއްޔާ އިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޝާރްޖާ އާއި ރާއްޖޭއާ ދެމެދު މެދުނުކެނޑި ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ.
ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އަލަށް ފަށާ ދަތުރުތައް އޮކްޓޯބަރު 27 އިން ފެށިގެން ކޮންމެ ދުވަހަކު ވެސް އޮންނާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. މި އާއެކު ދެކުނު އޭޝިއާގެ އެންމެ މަޝްހޫރު އެއް މަންޒިލް ކަމަށްވާ ރާއްޖެ ބަލާލުމަށް ދަތުރުވެރިންނަށް އިތުރު ފަސޭހަ އަދި އަގުހެޔޮ ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.
އެއާ އަރަބިއްޔާގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު އާދިލް އަލް އަލީ ވިދާޅުވި ގޮތުގައި މި ހިތްގައިމު ޗުއްޓީ މަންޒިލު އެއާ އަރަބިއްޔާ ނެޓްވޯކަށް އިތުރުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ނޮން ސްޓޮޕް ފްލައިޓްތައް ރާއްޖެއަށް ތައާރަފްކުރުމުން ކަސްޓަމަރުންނަށް އިތުރު ޓްރެވަލް އޮޕްޝަންތައް ކަށަވަރު ކޮށްދިނުމާއި، ދުނިޔޭގެ އެންމެ ހިތްގައިމު ތަންތަނަށް ގުޅާލުމަށް އެއާލައިނުން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެއާ އަރަބިއްޔާއިން އޮޕަރޭޓް ކުރަނީ އެއާބަސް އޭ320 އަދި އޭ321 މަރުކާގެ މަތިންދާބޯޓުތަކުގެ ފްލީޓެކެވެ. ފްލީޓްގައި އެހެން އިކޮނޮމީ ފްލައިޓްތަކާއި ހިލާފަށް ފަސިންޖަރުންނަށް އިށީނދެ ތިބުމަށް ތަނަވަސް ޖާގަ ލިބި ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އެއާ ލައިނުން ބުނެ އެވެ.
މި މަތިންދާބޯޓުތަކުގައި ހިލޭ އިން ފްލައިޓް ސްޓްރީމިން ހިދުމަތެއް ކަމަށްވާ "ސްކައިޓައިމް" ވެސް ހިމެނޭ އިރު، އެ ހިދުމަތް މެދުވެރިކޮށް ފަސިންޖަރުންނަށް މުނިފޫހިފިލުވުމުގެ ގިނަ ހިދުމަތްތަކެއް ސީދާ އެ މީހުންގެ ޑިވައިސްތަކަށް ސްޓްރީމް ކުރެވޭނެ އެވެ. އަދި އޮންބޯޑް "ސްކައިކެފޭ" މެނޫއިން ސްނެކްސް، ކެއުން އަދި އެކިވައްތަރުގެ ސޭންޑްވިޗް ފަދަ ތަފާތު ކެއުންތައް ވެސް ކަސްޓަމަރުންނަށް ހެޔޮ އަގުގައި ލިބެން ހުރެ އެވެ.
ކަސްޓަމަރުންނަށް ޝާރްޖާއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް އެއާ އަރަބިއްޔާގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެ ނުވަތަ ކޯލް ސެންޓަރަށް ގުޅައިގެން ނުވަތަ ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް ބުކް ކުރެވޭނެ ކަމަށް އެއާ އަރަބިއްޔާ އިން ބުނެ އެވެ.