ފިލްމީ އާއިލާއަކަށް ނިސްބަތްވާ ބޮލީވުޑްގެ އަރަމުން އަންނަ އެކްޓަރު ޖާންވީ ކަޕޫރު ވެފައިވަނީ އާއްމުންގެ ފާޑުކިޔުމާއި ފުރައްސާރަ ވަރަށް ބޮޑަށް އަމާޒުވާ ތަރިއަކަށެވެ.

އެގޮތުން ބޮލީވުޑްގައި އޭނާ ކުރިއަށް ދަނީ އާއިލީ ނުފޫޒު ބޭނުން ކޮށްގެން ކަމަށާއި އަމިއްލަ ހުނަރުގެ ސަބަބުން ނޫން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖާންވީ ވަނީ އާއްމުންގެ ފަރާތުން އޭނާއަށް ކުރިމަތިވާ ފުރައްސާރައާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

ޖާންވީ ބުނީ ކޮންމެ ކަމެއް ކުރިއަސް އާއްމުންގެ ފާޑުކިޔުމާއި ފުރައްސާރަ އަމާޒުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެކަންކަަމަށް ސަމާލުކަން ނުދިނުން ކަމަށެވެ.

"އާއްމުން އަހަންނަށް ވަކި ކަމަކަށް ތައުރީފް ކޮށްފައި ފަހުން ހަމަ އެކަމަށް ފުރައްސާރަ ވެސް ކުރާނެ،" ޖާންވީ އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

ފާޑުކިޔުންތަކާ އެކު ވެސް ކުރިއަށް ދިއުމުގައި ވިސްނަނީ އެ ފުރައްސާރަ އަމާޒުވާ މީހަކީ ހަމައެކަނި އޭނާ ނޫންކަން ސިކުނޑިއަށް ވިސްނައިދީގެން ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފިލްމު "ދަޑަކް"އިން ބޮލީވުޑަށް ނުކުތް ޖާންވީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ރާޖްކުމާރް ރާއޯއާއެކު "މިސްޓަ އެންޑް މިސިސް މާހީ"އިންނެވެ.