ކާމިޔާބު އެކްޓަރު ކެޓްރީނާ ކައިފްއަކީ މިހާރު ބޮލީވުޑްގައި ހަރަކާތްތެރިވާ އަންހެން ތަރިންގެ ތެރެއިން އެންމެ ބުރުސޫރަ ރީތި އެކްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މިހާރު އުމުރުން 40ގެ އަހަރުތައް ގުނަމުން އަންނަ ކެޓްރީނާގެ ހަށިގަނޑާއި ބުރުސޫރަ ވެސް އޭނާގެ އުމުރާ އަޅާބަލާއިރު ޒުވާންކަން އާއްމުން އަބަދުވެސް ފާހަގަކުރެ އެވެ.

ކެޓްރީނާގެ ޕާސަނަލް ނިއުޓްރިޝެންޓް ކަމަށްވާ ޝްވެތާ ޝާހް ވަނީ މިކަމުގެ ފަހަތުގައިވާ ސިއްރު މީޑިއާއަށް ހާމަކޮށްފަ އެވެ. އެގޮތުން ކެޓްރީނާގެ ކެއިންބުއިމުގެ އާދަތަކާއި ސިއްހަތަށް ބަހައްޓާ ފަރުވާތެރިކަމުގެ ވާހަކަ އޭނާ ދައްކާފައިވެ އެވެ.

ޝްވެތާ ބުނީ ކެޓްރީނާއަކީ ކޮންމެ ކޮންމެ ތަނަކުން އިވޭ އަޑުތައް ގަބޫލުކުރާ މީހެއް ނޫން ކަމަށާއި ކޮންމެ ކަމެއްގެ ފަހަތުގައިވާ ސަބަބުތައް އޭނާ އަމިއްލައަށް ހޯދާ ކަމަށެވެ. އެގޮތުން ކެޓްރީނާއަކީ އޭނާގެ ހަށިގަނޑުގެ ބޭނުންތައް ރަނގަޅަށް ދަންނަ މީހެއް ކަމަށާއި ކެއިން ބުއިން އޭނާ ސިފަ ކުރަނީ ބޭހެއް ފަދައިން ކަމަށް ޝްވެތާ ބުންޏެވެ.

"ކެޓްރީނާ ކާނީ ދުވާލަކު ދެ ފަހަރު. ކޮންމެ ދެ ގަޑިއިރަކުން ކާކަށް ނޫޅޭނެ. ގޭގައި ތައްޔާރުކުރާ ތަކެއްޗަށް ވަރަށް ލޯބިކުރާނެ،" ޝްވެތާ ބުންޏެވެ.

ހަމައެއާއެކު ހާބަލް ފަރުވާތަކަށް ވެސް ކެޓްރީނާ ހާއްސަ ސަމާލުކަމެއް ދީގެން އެ ބޭނުންކުރާ ކަމަށް ވެސް ޝްވެތާ ހާމަ ކޮށްފައިވެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ކެޓްރީނާ ދެން އެންމެ އަވަހަށް ފެންނާނީ ވިޖޭ ސެތުޕަތީއާެއެކު ތްރިލާ ފިލްމު "މެރީ ކްރިސްމަސް" އިންނެވެ.