ހެނދުނު ހޭލުމަށްފަހު އަވަސް އަރުވާލައިގެން ސްކޫލަށް ނުވަތަ އޮފީހަށް ދެވެނީ ހެނދުނުގެ ނާސްތާ ނުނަގަ އެވެ. ދެން ފެންނަނީ މުޅި ދުވަހުގެ މޫޑު ގޯސްވެ ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވާ ތަނެވެ.
މިކަމުގެ ސަބަބަށް ވިސްނާލާއިރު ފެންނަން އޮތީ ވަރަށް އާދައިގެ ފަސޭހައިން ހައްލު ކުރެވޭނެ ސަބަބެކެވެ. ހެނދުނުގެ ނާސްތާ ނުނަގާ ދޫކޮށްލުމަކީ މީހާގެ ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަމެއްކަން ދިރާސާތަކުން ވަނީ ދައްކާފަ އެވެ.
ހަށިގަނޑަށް ބޭނުންވާ އެންމެ މުހިއްމު މާއްދާތައް ހިމަނައިގެން ހެނދުނުގެ ނާސްތާ ކާނަމަ ދުވަހުގެ ބާކީ އޮތް ބައި ތާޒާ ސިކުނޑިއަކާއެކު ހޭދަ ކުރެވެ އެވެ.
އެގޮތުން ސްޓްރެސް ދަށްވުމާއި ޑިޕްރެޝަންގެ އަލާމާތްތައް ކުޑަވުމުގެ އިތުރުން ކަންކަމަށް ދެވޭ ސަމާލުކަން އިތުރުވުމާއި ހަނދާން ގަދަވުމަކީ ހެނދުނުގެ ނާސްތާގެ ނަފްސާނީ ފައިދާތަކެވެ.
ހެނދުނުގެ ނާސްތާއަކީ ސިއްހަތަށް އެހާ މުހިއްމު ކެއުމަކަށްވާއިރު އެ ކެއުމުގައި މުހިއްމު މާއްދާތައް ހިމެނުން ވަރަށް މުހިއްމެވެ. އެގޮތުން ޕްރޮޓީން، ފައިބާ އަދި ވިޓަމިންސްއަކީ ހެނދުނުގެ ނާސްތާގައި ހުރުން މުހިއްމު މާއްދާތަކެވެ.
މިކަންކަމަށް ވިސްނައިގެން ހެނދުނުގެ ނާސްތާ ގަވާއިދުން ނެގުމަކީ މީހާގެ ނަފްސާނީ ސިއްހަތު ރަނގަޅުވެ އާއްމު ދިރިއުޅުމުގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމެކެވެ.