ދެހާސް ހަތްވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ކުރިއަށްދިޔަ ސީބީއެސްގެ ކާމިޔާބު ސިޓްކޮމް "ދަ ބިގް ބޭންގް ތިއަރީ"އާ ގުޅުންހުރި އިތުރު ސްޕިންއޮފް އެއްގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
"ޖޯޖީ އެންޑް މޭންޑީސް ފަސްޓް މެރިއޭޖް"ގެ ނަމުގައި އިއުލާން ކުރެވިފައިވާ މި ޝޯގެ ސްކްރިޕްޓް ތައްޔާރު ކުރެވި ޕްރޮޑަކްޝަންގެ މަސައްކަތް ވެސް މިހާރު ވަނީ ފެށިފަ އެވެ.
މޮންޓާނާ ޖޯޑަންއާއި އެމިލީ އޮސްމެންޓް ލީޑް ރޯލުތަކުން ފެންނަ މި ސްޕިންއޮފްއަކީ ބިގް ބޭންގް ތިއަރީގެ އެންމެ ފުރަތަމަ ސްޕިން އޮފް "ޔަންގް ޝެލްޑަން"ގެ ރަސްމީ ސްޕިން އޮފް އެކެވެ. މޮންޓާނާއާއި އެމިލީ ވަނީ "ޔަންގް ޝެލްޑަން"އިން ވެސް ފެނިފަ އެވެ.
މި ޝޯގައި ފެނިގެންދާނީ ބިގް ބޭންގް ތިއަރީ އަދި ޔަންގް ޝެލްޑަން ގެ ލީޑު ކެރެކްޓަރު "ޝެލްޑަން"ގެ ބޭބެއާއި އޭނާގެ އެންމެ ފުރަތަމަ އަންހެނުން މޭންޑީގެ ދިރިއުޅުމެވެ.
"ޖޯޖީ އެންޑް މޭންޑީސް ފަސްޓް މެރިއޭޖް"ގައި ޔަންގް ޝެލްޑަންއިން ފެނިގެންދިޔަ އިތުރު ތަރިންތަކެއް ވެސް ފެނިގެންދާނެ އެވެ. އެގޮތުން މޭންޑީގެ މަންމަ އޯޑްރީއާއި ބައްޕަ ޖިމްއަކީ އެ ޝޯގެ ރެގިއުލާ ކާސްޓުންނެވެ.
އޭގެ އިތުރުން ވެސް ޔަންގް ޝެލްޑަންގެ މުހިއްމު ރޯލުތަކުން ފެނިގެންދިޔަ ޒޯއީ ޕެރީ، އެނީ ޕޮޓްސް އަދި ރޭގަން ރެވޯޑްގެ ހާއްސަ ފެނިލުމެއް ވެސް ޝޯގެ ފުރަތަމަ ދެ އެޕިސޯސޑުން ފެންނާނެ އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "ޖޯޖީ އެންޑް މޭންޑީސް ފަސްޓް މެރިއޭޖް" މި އަހަރު ތެރޭގައި ސީބީއެސްއަށް އަންނާނެ ކަމަށް ބެލެވެ އެވެ.