ރާއްޖޭގައި ހިންގާ އިންޓަނޭޝަނަލް ސުކޫލެއް ކަމަށްވާ ފިންލެންޑް އިންޓަނޭޝަނަލް ސުކޫލަށް ވަދެ ވައްކަން ކުރަން އުޅުނު ބަޔަކު ހުއްޓުވަން އުޅުނު ފުލުހަކަށް އަނިޔާކުރުމަށްފަހު ވަގުން ފިލައިފި އެވެ.
ފުލުހުން ބުނީ ޖުލައި 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފިންލެންޑް އިންޓަނޭޝަނަލް ސުކޫލަށް ދެ މީހަކު ވަދެ، ވައްކަން ކުރަން އުޅުމުން އެ ވަގުތު އެތާންގައި ޑިއުޓީއަށް ހުރި ފުލުސް މީހާ އެމީހުން ހުއްޓުވަން މަސައްކަތްކުރުމުން އެ ފުލުހަށް އަނިޔާކޮށް ވަގުން ފިލައިގެން ގޮސްފައި ވާކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެމީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެތަނުން އެކަކު ވަނީ ޖުލައި 29 ވަނަ ދުވަހުގެ ދަންވަރު ހައްޔަރުކޮށްފަ އެވެ. އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމުރުކޮށްފައި ވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ފިހިނެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހުން ސުކޫލުން ވަގަށް ނެގި ތިން ލެޕްޓޮޕްގެ ތެރެއިން ދެ ލެޕްޓޮޕް ހޯދާފައި ވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.