ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި މުޅިން އަލަށް އުފެއްދި ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މުގައްރިރު ހޮވާފައިވާއިރު ކޮމިޓީގެ ނައިބު މުގައްރިރަކަށް ހޮވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ.

ކޮމިޓީގައި ހިމެނޭ އިތުރު މެންބަރުންނަކީ:

މުހައްމަދު އިސްމާއީލް - ވިލިމާލެ ދާއިރާ

އަހުމަދު ޒަމީރު - މައްޗަންގޮޅި މެދު ދާއިރާ

އަސްމާ ރަޝީދު - މާފަންނު މެދު ދާއިރާ

އިބްރާހީމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ

މުހައްމަދު އިބްރާހީމް - ގަލޮޅު އުތުރު ދާއިރާ

މުހައްމަދު ސިނާން - ހިތަދޫ އުތުރު ދާއިރާ

މުހައްމަދު ދާއޫދު - ކުޅުދުއްފުށި އުތުރު ދާއިރާ

އަލީ ފަޒާދު - ފުވައްމުލަކު މެދު ދާއިރާ

ހުސައިން ޝަރީފް - ހުޅުމާލެ އުތުރު ދާއިރާ

ގެދޮރުވެރިކަމުގެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ގެދޮރުވެރިކަމާގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަން ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި ގެދޮރުވެރިކަމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާ ގުޅުންހުރި ކަންކަން ކުރުމެވެ.

މީގެ އިތުރުން ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރު އެޅުން ހިމެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާދުގައިވެ އެވެ.

މި ސަރުކާރަށް އަށް މަސް ވެގެން ދިޔައިރު މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް އިއުލާން ކޮށްފައެއް ނުވެ އެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ 4000 ފްލެޓް މައްސަލަ ވެސް ސަރުކާރަށް ހައްލުކޮށް ދޫކުރަން ވަނީ ނުފެށި އެވެ. މި ހަފްތާގައި ހައުސިން މިނިސްޓަރު ވިދާޅުވެފައި ވަނީ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ފައިނަލްކޮށް އަންނަ އޮކްޓޫބަރު މަސްތެރޭގައި އާންމު ކުރެވޭނެ ކަމަށެވެ.