ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމެއް ކަމުގައިވާ "ގަދަރް 2" އަލުން ސިނަމާތަކުގައި އަޅުވަން ތައްޔާރުވެފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރުން ހާމަކޮށްފި އެވެ.

އެހެން ނަމަވެސް މިފަހަރު އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މުމްބާއީގެ ވަކި ސިނަމާތަކެއްގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ކަމަށް ހަބަރުތައް ބުނެ އެވެ. އެގޮތުން އިންޑިއާގެ އެކި ހިސާބުތަކުގައިވާ ޕީވީއާރް ސިނަމާތަކުގައި އެ ފިލްމު ރިލީޒް ކުރެވޭނީ އިޝާރާތުން ދައްކާ ވާހަކަ ދައްކައިދޭ ގޮތަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރެވުނު "ގަދަރް 2"އަށް އިންޑިއާއިން އެކަނި ވެސް 600 ކްރޯޑް ރުޕީސް ލިބުނުއިރު އެ ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

ސަނީ ޑިއޯލްއާއި އަމީޝާ ޕަޓޭލް ލީޑު ރޯލުތަކުން ފެނިގެންދާ "ގަދަރް 2"އަކީ 2001 ވަނަ އަހަރު ނުކުތް ފިލްމު "ގަދަރް: އެކް ޕްރޭމް ކަތާ"ގެ ސީކުއަލް އެކެވެ.

ފިލްމު އެންމެ ފުރަތަމަ ނެރުނުތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް ފިލްމު އަލުން ރިލީޒް ކުރުމުގެ ބޭނުމަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފިލްމުގެ އުފާ ލިއްބައިދިނުން ކަމަށާއި އެ ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުން ކަމަށް ޕްރޮޑިއުސަރުން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން ފިލްމުގެ އެއް އެކްޓަރު ކަމަށްވާ އަމީޝާ ޕަޓޭލް ބުނީ މިކަމަކީ އެހެން ޕްރޮޑިއުސަރުންނަށް ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށް ފިލްމުތައް ނެރެން ހިތްވަރު ލިބޭނެ ކަމަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.