ސޯޝަލް މީޑިއާގެ ބޮޑު ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމް ބޭނުން ކުރުން ތުރުކީގައި މަނާކޮށް އެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ތުރުކީގެ އިދާރާތަކުން މި ނިންމުން ނިންމާފައި މިވަނީ ދާދި ފަހުން ގަތުލު ކޮށްލެވުނު ހަމާސް ލީޑަރެއްގެ މަރާ ގުޅިގެން ތުރުކީގެ ރައްޔިތުން އާއްމުކުރި ހަމްދަރްދީގެ މެސެޖުތަކެއް އިންސްޓަގްރާމުން ނެގުމުގެ ސަބަބުންނެވެ.
އިޒްރޭލުން ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރެއް ކަމަށްވާ އިސްމާއިލް ހަނިއްޔާ ގަތުލު ކުރެވިފައިވާއިރު މެދު އިރުމަތީގެ ގިނަ މުސްލިމުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ ހިތާމަ ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް އެކަމުގެ އަޑު ކަނޑުވާލުމުގެ ގޮތުން މެޓާއިން ހިންގަމުން އަންނަ އިންސްޓަގުރާމުން ވަނީ އެ މައުޟޫއަށް މީހުން ކުރަމުން އަންނަ ކޮމެންޓްތައް ނަގަމުންނެވެ.
އިންސްޓަގްރާމްގެ މި އަަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ހަމާސްއާއި އީރާނަށް ވާގިދޭ ތުރުކީއިން ވަނީ އިންސްޓަގްރާމް އެގައުމުގައި މަނާ ކުރަން ނިންމާފަ އެވެ. މީގެ އިތުރުން ވެސް ތުުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުތުޣާން ވަނީ އިންސްޓަގްރާމްގެ މި އަމަލުތަކަށް ފާޅުގައި ފާޑު ކިޔުއްވާފަ އެވެ.
ތުރުކީ ހިމެނޭ ހުޅަނގުގެ އެހެން ގިނަ ގައުމުތަކާ ހިލާފަށް ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެ ގައުމުން ބަލައިގަނެފައެއް ނުވެ އެވެ.
ޖުމްލަ 85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީގައި 50 މިލިއަނަށް ވުރެ ގިނަ މީހުން އިންސްޓަގްރާމް ބޭނުން ކުރަމުން އައިއިރު އެ ޕްލެޓްފޯމަކީ އެގައުމުގައި ވަރަށް މަގުބޫލު ޕްލެޓްފޯމެކެވެ.
މިކަމާ ބެހޭ ގޮތުން މެޓާއިން ނުވަތަ އިންސްޓަގްރާމުން ވެސް މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.