މިއަހަރުގެ ދެ ވަނަ ކުއާޓާގައި އާސަންދަ ސްކީމުގެ ދަށުން 823 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހާ ހަމައަށް ޚަރަދުކޮށްފައިވާ އަދަދެވެ.

އާސަންދައިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ދެ ވަނަ ކުއާޓަރުގައި އާސަންދަ ސްކީމްގެ ދަށުން ބްލޮކްކުރެވިފައިވާ ޖުމުލަ ޚަރަދު 823 މިލިޔަން ރުފިޔާގައި ހުރިއިރު މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 11.5 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރެވުނު ޖުމުލަ ޚަރަދަކީ 738 މިލިޔަން ރުފިޔާ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފަ އެވެ. އެގޮތުން ފާއިތުވީ އަހަރު ޚިދުމަތް ހޯދި މީހުންގެ ޖުމުލަ އަދަދު 260،725 ގައި ހުރިއިރު، މި އަހަރު މި ޢަދަދުވަނީ 265،059 އަށް އިތުރުވެފަ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމްގެ ދަށުން 1،232 ފަހަރަށް ބަލި މީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ޖުމުލަ 2،807 ބަލިމީހުން އެ ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވެ އެވެ.

ސިއްހީ ޚިދުމަތްތަކުގެ އަގުބޮޑުވަމުން އަންނާތީ އާސަންދައިން ކުރަން ޖެހޭ ހޭދަ ވެސް އިތުރުވެފައިވެ އެވެ. އެހެންވެ، ރާއްޖެއާއި ރާއްޖޭން ބޭރުގައި ދެވޭ ސިއްހީ ޚިދުމަތުގެ އަގު މުރާޖައާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އާސަންދަ ކުންފުނިން ކުރިން ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް އެކަމާ މެދު އަމަލީ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.