ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުރައިދޫ ގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް ހަމަޖައްސައިފި އެވެ.

އެ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

މަޖިލީހުގެ އިދާރާއިން މިކަން ކަށަވަރުކޮށްދީފައި ވީނަމަވެސް އާދަމް ހަލީމްގެ މުސާރައާއި އިނާޔާތްތަކާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައި ނުވެ އެވެ.

ދައުލަތުން މިލިއަނުން ހަރަދު ކުރައްވައިގެން މުރައިދޫގެ މަރާމާތު ކުރެއްވުމަށްފަހު ގެކޮޅަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ބަދަލުވެ ވަޑައިގަތީ ޖުލައި މަހު ފަހުކޮޅު އެވެ.

މުންޑޫ އާދަމް ހަލީމަކީ ނޫސްވެރިކަމުގެ ދާއިރާއިން އާއްމު ހިދުމަތުގެ ގައުމީ އިނާމާއި ރަން ގަލަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ނޫސްވެރިކަމަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެ އެވެ.

މިސަރުކާރުން މީޑިއާތައް ކޯންޓްރޯލް ކުރުމަށް ބައެއް މީޑިއާތަކުގެ އިސްވެރިންނަށް ސަރުކާރުގެ ސިޔާސީ މަގާމުތައް ދީފައިވާކަން ފާހަގަކުރެވެ އެވެ. މިގޮތުން ސަންގު ޓީވީގެ އެއް ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އަކީ މި ސަރުކާރުގެ ޔޫތު މިނިސްޓަރެވެ. އަދި ދަ ޕްރެސްގެ އެޑިޓަރު އަލީ ޝަމްއާން އަކީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. މީގެ އިތުރުން ވެސް ބައެއް ނޫސްތަކުގެ އިސްވެރިންނަށް އެމްބަސީތަކުންނާއި އެނޫން ވެސް ބައެއް ސިޔާސީ މަގާމުތައް ދީފައިވެ އެވެ.