އިއްދައިން ކެނޑުމަކީ އަންހެނެއްގެ ހަޔާތުގައި އަންނަ މުހިއްމު ހަރުފަތެކެވެ. ދަރިމައިވުމުގެ އުމުރު ފަސްދީ ދިރިއުޅުމުގެ ކުރިއަށް އޮތް މަރުހަލާއަށް ކުރިމަތިލާއިރު އެކަމަށް ތައްޔާރު ވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އާއްމުކޮށް އަންހެނުން އިއްދައިން ކެނޑޭ އުމުރަކީ 50-55 އަހަރާ ދެމެދު ކަމަށްވިޔަސް މި އުމުރު އަވަސްވެ ލަސްވާ ގޮތް ވެސް މެދުވެރިވެ އެވެ. އެހެން ކަމުން ކުރިއާލާ މިކަމަށް ވިސްނުން އެއީ އެންމެ ބުއްދިވެރި ގޮތެވެ.
އަންހެނެއްގެ އުމުރުން 38 އަހަރުން ފެށިގެން އިއްދައިން ކެނޑުމަށް ތައްޔާރުވާން ފަށަން ޖެހޭ ކަމަށް މާހިރުން ބުނާއިރު އެކަމަށް ކުރެވޭނެ ކަންތައްތަކެއް ވެސް ހުރެ އެވެ. އެންމެ ފުރަތަަމަ ކަމަކަށް އިއްދައިން ކެނޑުމާއި އެކަމާ ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިވާން ކޮންމެ އަންހެނަކުވެސް ޖެހެ އެވެ.
އިއްދައިން ކެނޑުމަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ސިއްހަތަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމަކަށް ވާއިރު އެކަންކަމަށް ކުރިއާލާ ވިސްނަން ޖެހޭނެ އެވެ.
އެގޮތުން އެންޒައިޓީއާއި ޑިޕްރެޝަން އަދި ބަރުދަން އިތުރުވުން ނުވަތަ ލުއިވުމަކީ އިއްދައިން ކެނޑުމާއެކު ކުރިމަތިވެދާނެ ކަންކަމެކެވެ. މިކަންކަމަށް މާހިރުންގެ ލަފާ ހޯދަން ކުރިއާލާ ރޭވުން މުހިއްމެވެ.
ދެވަނަ ކަމަކަށް އިއްދައިން ކެނޑުމުގެ ކުރިން ފެންނަ އާލާމާތްތަކަށް ސަމާލުކަން ދޭންވާނެ އެވެ. އެފަދަ އާލާމާތްތަކަށް ފަރުވާކުޑަ ނުކޮށް ހަށިގަނޑުގެ "އަޑު އަހަން" ވާނެ އެވެ.
އިއްދައިން ކެނޑުމާ ބެހޭ ގޮތުން އަހަރުމެންގެ ތެރޭގައި ގިނަ ކުށްހީތަކެއް ކުރެވޭއިރު އެކަމާ ގުޅޭ ސައްހަ މައުލޫމާތު އެނގިފައި އޮތުން ބުއްދިވެރި އެވެ.
ތިންވަނަ ކަމަކަށް އިއްދައިން ކެނޑުމަށްފަހު ދިރިއުޅުން ބައްޓަން ކުރާނެ ގޮތަކާމެދު ވިސްނުމަކީ ވެސް އޮތް ކަމެކެވެ. ޖިސްމާނީ ގޮތުން ހަރަކާތްތެރިވެ އުޅުން ގިނަކޮށް ކައިވެނީގެ ގުޅުން ދަމަހައްޓަން ބައިވެރިޔާއާއެކު މަސައްކަތް ކުރަން ޖެހޭނެ އެވެ.
ކުރިންވެސް ދެންނެވި ފަދައިން އިއްދައިން ކެނޑުމަކީ އަންހެނަކަށް ވަރަށް މުހިއްމު ކަމެކެވެ. އެހެން ކަމުން އެކަމަށް ކުރިއާލާ ތައްޔާރުވާން ފަށަން ޖެހެ އެވެ.