ސަސްޕެންޝަންގައި ހުރި އޮލިމްޕިކް މާސޭގެ ކުރީގެ ކޯޗު އަންދްރޭ ވިޔަސް-ބޮއަސްގެ ކޮންޓްރެކްޓް އެ ކްލަބުން ބާތިލްކޮށްފި އެވެ.

ކްލަބުން ޖެނުއަރީ މަހުގެ ޓްރާންސްފާގައި އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެން، މަގާމުން އިސްތިއުފާ ދޭން ހުށަހެޅި ވިޔަސް-ބޮއަސް މާސޭ އިން ސަސްޕެންޑްކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެނެވެ. އޭގެ ފަހުން، މާސޭ އިން ވަނީ އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު ޖޯޖް ސަމްޕައޮލީ އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ.

މާސޭއާމެދު ވިޔަސް-ބޮއަސް ހިތްހަމަނުޖެހުނީ އެ ކްލަބުން ޖެނުއަރީގެ ޓްރާންސްފާގައި ސެލްޓިކަށް ކުޅެމުންދިޔަ އޮލިވިއޭ ނިޗާމް ގެނައުމުންނެވެ. ވިޔަސް-ބޮއަސް ބުނީ ކްލަބުގެ "ސްޕޯޓިން ޕޮލިސީ" އޭނާ އަށް ބަލައިނުގަނެވޭ ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދިނުމަށް ހުށަހަޅާފައިވާކަން އޭނާ ވަނީ ބުނެފަ އެވެ.

މާސޭ އިން ބުނީ ވިޔަސް-ބޮއަސްގެ ކޮންޓްރެކްޓް ބާތިލްކުރީ ދެ ފަރާތުން އެއްބަސްވެގެން ކަމަށެވެ. އަދި އެ ކްލަބާއެކު އޭނާ ހޭދަކުރި 19 މަސް ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ވިޔަސް-ބޮއަސްގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގެ ފްރާންސް ލީގު މާސޭ ނިންމާލީ ދެވަނައިގަ އެވެ. ވިޔަސް-ބޮއަސް މަގާމުން ސަސްޕެންޑްކުރިއިރު، މާސޭ އޮތީ ފްރާންސް ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ. – ބީބީސީ