ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ޖެހެމުންދާ ގަދަ ވައި މަޑުވާނެކަމަށް ލަފާކުރެވެނީ އަންނަ އަންގާރަ ދުވަހު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައި ގަދަވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދު ރާއްޖެތެރެއަށް ވައި ޖެހޭނީ ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އަންނަ އަންގާރަ ދުވަހުން ފެށިގެން ވައި މަޑުވާނެ ކަމަށް ލަފާރެވޭ ކަމަށެވެ.
އެ އިދާރާއިން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލެއް ނެރެފަ އެވެ. މި ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 6:30 އިން 12:30 އަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެެވެ.
މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ ސަމާލެއް ވެސް ވަނީ ނެރެފަ އެވެ. މި ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އިން މެންދުރު 1:00 އަށެވެ.
މި ސަމާލުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ވައި ގަދަވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، މޫސުމަށް ސަމާލުވެ، ކަނޑު ދަތުރުފަތުރުކުރުމަށް އިލްތިމާސް ކުރައްވާފައިވެ އެވެ.