ދެހާސް ސަތާރަ ވަނަ އަހަރުގެ ތެރޭގައި ލިޓަސް ސާވިސް ސެންޓަރުގެ ވަޅިން ހަމަލާދީ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގެ ތަހުގީގަށް ފޯނަކުން ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރ. އަތޮޅުގެ ހުރިހާ ރަށެއްގެ އެމްޑީޕީ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ވަނީ އަނަސްގެ ގާތިލުން ހޯދައި އެ މީހުންގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެ އެވެ.

ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ އަނަސް މަރާލީ ހަތަރު ސައިކަލެއްގައި ވަޅިތަކެއް ހިފައިގެން ދިޔަ ގޭންގަކުންނެވެ. ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން ދިޔަ އަށް މީހަކަށް ފިލަން އޭނާ ވަނީ ލިޓަސް ސާވިސް ސެންޓަރުގެ ތެރެއަށް ކަމަށް ފުލުހުން ބުންޏެވެ.

މޫނު ނިވާކޮށްގެންތިބި އެ މީހުން އޭނާ އަށް ހަމަލާދީ މަރާލީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ އެ މައްސަލައިގެ ތަހުގީގު ނިނުމަކާ ގާތްވެފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި ނުކުރެވި އޮތް ހަމައެކަނި ކަމަކީ ފޮރެންސިކް ހެކީގެ ގޮތުގައި ބޭނުން ކުރާ ފޯނެއް ސިންގަޕޫރަށް ފޮނުވައިގެން ހެކި ހޯދުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ފޯނު ފޮނުވާ ސިންގަޕޯއިން ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށް ފަހު އެންމެ ފަހުގެ ރިޕޯޓު އިރާދަކުރެއްވިއްޔާ އަނަސްގެ މަރާ ގުޅިގެން ކޮމިޝަނުން ނެރޭނެ،" ރައީސް ވިދާޅުވި އެވެ.

އަނަސްގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ އާ ބަޔަކު މި ސަރުކާރަށް ހޯދިފައެއް ނުވެ އެވެ. ކުރީގެ ސަރުކާރުން ތަހުގީގުތައް ކުރީ ސިޔާސީ ނުފޫޒުގެ ތެރެއިން ކަމަށް އެމްޑީޕީން ބުނާއިރު، އަނަސްގެ ގާތިލުން ކަމަށް ކުރީގެ ސަރުކާރުން ކުރި ތަހުގީގުން ހޯދި މީހުންނަކީ ހަގީގަތުގައި ވެސް އޭނާގެ ގާތިލުން ކަމަށް މި ސަރުކާރުން ވެސް ވަނީ ގަބޫލުކޮށްފަ އެވެ.