ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މި މައްސަލަ މަޖިލިސް އަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފު ޒާކިރު އެވެ.
މި މައްސަލައަށް ބަހުސް ކުރަން ފެންނަކަމަށް ވޯޓު ދެއްވީ 11 މެމްބަރެކެވެ. ބަހުސް ކުރަން ނުފެންނަކަމަށް 49 މެމްބަރުން ވޯޓު ދެއްވި އެވެ.
މައްސަލަ ހުށަހަޅުއްވަމުން މައުރޫފު ވިދާޅުވީ، މީގެ ކުރިންވެސް އެ ނިންމުންތައް ތަންފީޒު ކޮށްފައި ނުވަނީ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިނާއަތަށް އޮތް ގެއްލުން ބޮޑުކަމުގެ ސަބަބުންކަމަށާއި މިއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެ ނިންމުން ތަންފީޒު ކޮށްފިނަމަ އޭގެ ސަބަބުން މަސްވެރި އާއިލާތަކުގެ އާމްދަނީ އަށް ވެސް އަސަރު ކުރާނެކަން މައުރޫފު ވިދާޅުވި އެވެ.
ނެތި ދިއުމުގެ ނުރައްކާ ހީވެފައިވާ ދިރުންތައް "ބައި ކެޗް" ގެ ގޮތުގައި ހިފުމުގެ މަގު ފަހިވެ، އޭގެ ސަބަބުން ކަނޑުގެ އިކޯސިސްޓަމަށް މީގެ ސަބަބުން އަސަރު ކުރާކަންވެސް މައުރޫފު ފާހަގަ ކުރެއްވިއެވެ. މިއީ ކަނޑުގެ ދިރުންތަކަށް އަސަރުކޮށް، އޭގެ ސަބަބުން ފަތުރުވެރިކަމަށް ވެސް ނުރަނގަޅު އަސަރު ކުރާނެ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވާލާއިރު ލޭނުގައި ޖެހި މަރުވެފައި ހުންނަ މިޔަރުގެ ވިޔަފާރި ކުރުމަށް ވެސް ހުއްދަ ދޭން ސަރުކާރުން ވިސްނަމުންދާތީ އެކަމާއި މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ތިމާވެއްޓާއި މަސްވެރިކަމާއި ގުޅޭ ބައެއް މަދަނީ ޖަމިއްޔާތަކުންވެސް ވަނީ މިކަމާއި ގުޅޭ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށްފަ އެވެ.